ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށްޓަކައި އެކުލަވާލަންޖެހޭ ބިލްގެ މަސައްކަތް ބަންޑާރަނައިބްގެ އޮފީހުން ފަށައިފި އެވެ.
ބަންޑާރަނައިބް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޖޭއެސްސީ އަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއް ކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ބިލް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާއަށް މިބިލް ހުށަހަޅާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.
"އަދި އިސްވެ ދެންނެވި ބިލް އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކާއި ޖޭއެސްސީއާއި އެނޫންވެސް ކަމާ ބެހޭ ފަރާތްތަކާ އެކު ބާއްވަންޖެހޭ ބައްދަލުވުންތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފެށުމަށް މި އޮފީހުން ވަނީ ނިންމާފަ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް މުރާޖައާކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
- ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރަކު
- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
- ބަންޑާރަނައިބު
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލެއް
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްތައް އިދިކޮޅު ކޯލިޝަނުން އެކި ފަހަރު މަތިން ހުށަހެޅި އެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން ކޮންމެ ފަހަރަކު އެ ބިލްތައް ބޭރުކޮށްލަނީ އެވެ.