ދުނިޔެ

ބީބީސީން މުވައްޒަފުން ވަކިކޮށް ވަޒީފާ މަދުކުރަނީ

ބީބީސީން ގައުމުތަކަށް ހިދުމަތްދޭ ގޮފިތަކުން މުވައްޒަފުން ވަކިކޮށް 382 ވަޒީފާ މަދުކުރަން ގަސްދުކުރާ ކަމަށް ބުނެފި އެވެ.

ސަބަބެއް ކަމަށް ބުނީ ތަކެއްޗާއި ހިދުމަތްތަކުގައ އަގުބޮޑުވުމާއި ލައިސަންސްފީއަށް ލުޔެއް ލިބެން ނެތުން ކަމަށެވެ.

ބީބީސީގެ ހިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް ފައިސާ ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވަޒީފާ މަދުކޮށް އަދި އެހެނިހެން ހަރަދުތައް ކުޑަކޮށްގެން ނަމަވެސް 32.4 މިލިއަން ޑޮލަރު ސަލާމަތްކުރަން ޖެހިފައި އޮތް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބައްރުތަކަށް ހާއްސަކޮށް ބްރޯޑްކާސްޓްކުރުން މަދުކޮށް އުރުދޫ އާއި ޗައިނީޒް، އިންޑޮނީޝިއާ، ގުޖުރާތު އަދި ވަކިވަކި ކުދި ގަބީލާތަކަށް ހާއްސަ ޗެނަލްތައް މަދުކޮށް އޭގެ ބަދަލުގައި އެ ހިދުމަތްތައް އޮންލައިންކުރަން ވިސްނާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޮންލައިން ކޮންޓެންޓްތައް އިތުރުކޮށް ރޭޑިއޯ އާއި ޓީވީން އަރަބި ކޮންޓެންޓްތަކާއި ތުރުކީ، ޕާސިއަން، އަޒަރުބައިޖާން، ވިއެޓްނާމް، ރަޝިއާ އަދި ތައިލޭންޑަށް ހާއްސަ އޯޑިއޯ/ވީޑިއޯ ކޮންޓެންޓްތައް މަދުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ބީބީސީން ބުނީ ސީދާ ލަންޑަނުން ބްރޯޑްކާސްޓް ކުރުމުގެ ބަދަލުގައި ބައެއް ހިދުމަތްތައް އެ ސަރަހައްދުތަކަށް -- މިސާލަކަށް ތައި ސާވިސަސް، ބޭންގްކޮކަށް، ކޮރެއާ ޗެނަލް އެ ގައުމުގެ ވެރިރަށް ސޯލްއަށް އަދި ބަނގުލާ އިންޑޮނީޝިއާގެ ޖަކާޓާ އަށް ބަދަލުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ބީބީސީން ބުނާ ގޮތުން މުޅި ދުނިޔެއަށް ފަސޭހަކޮށްދިނުމަށް ބައިނަލްއަގްވާމީ ގޮތުން އެންމެން ބަލައިގަންނަ އިނގިރޭސި ޗެނަލްތަކުން މުޅި ދުނިޔެއަށް ޚިދުމަތްދޭނެ ކަމަށެވެ. އަދި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވަގުތުން ވަގުތަށް ހަބަރުތައް ގެނެސްދިނުމަށް ކުރާ މަސައްކަތްތައް ހަމަ އެ ގޮތުގައި ކުރިއަށް ދާނެ ކަމަށެވެ.