ދުނިޔެ

މުސާރަ ބޮޑުކުރަން ޓެކްސް ދެން ބޮޑެއް ނުކުރެވޭނެ: އިނގިރޭސި ބޮޑުވަޒީރު

ދުނިޔެއަށް ކޮވިޑް-19 ފެތުރިގަތްއިރު -- އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު -- ރިޝީ ސުނަކު ހުންނެވީ އިނގިރޭސި ފައިނޭންސް މިނިސްޓަރުގެ މަގާމުގަ އެވެ. ކޮވިޑާ ގުޅިގެން އިނގިރޭސިވިލާތަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އޭނާ ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާ ބައްދަލުކުރައްވައި އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ މުސާރަ ބޮޑުނުކޮށްގެން މުޒާހަރާކުރިއެއް ކަމަކު އެކަން ފޫބައްދާނެ ގޮތެއް ސަރުކާރުގައި މިވަތުގު ނެތް ކަމަށެވެ.

ޓެކްސް ބޮޑުކުރުމަކީ ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމެއް ކަމަށް ވިދާޅުވެ ރިޝީ ސުނަކް ވިދާޅުވީ އިނގިރޭސިވިލާތުގައި މިހާރު އޮތް އިގުތިސާދީ ހާލަތު އިތުރަށް ގޯސްވެދާނެ ފިޔަވަޅެއް އެޅުއްވުމަކީ ސަރުކާރަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

އިނިގިރޭސިވިލާތުގެ ހޮސްޕިޓަލަކަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވައި ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޓެކްސް ބޮޑުކުރުމުން ނުކުތް ނަތީޖާ ނުފެންނަ މީހަކު މިހާރު ނުހުންނާނެ ކަމަށެވެ.

މުސާރަ ބޮޑުކޮށްދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ވެސް ރިޝީ ސުނަކް ވިދާޅުވި އެވެ. އެހެން ނަމަވެސް ޖާދޫގެ ދަނޑިކޮޅެއް ހޫރާލައްވައިގެން މުސާރަ ބޮޑުކޮށްދެވޭ ނަމަ އެކަން މިހާރު ނުކޮށްދެއްވައި ނުހުންނަވާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި ތަކެތީގެ އަގު އުފުލި އާންމުނަށް ވަނީ ވޭނަކަށް ވެފަ އެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންނާއި ހޮސްޕިޓަލް މުވައްޒަފުން ފެށިގެން ރޭލު ދުއްވާ މީހުން އަދި ބޯޑަރު ކޮންޓްރޯލްކުރާ އޮފިސަރުން ވެސް ދަނީ މުސާރަ ބޮޑުކޮށްދިނުމަށް އެދި ގޮވަމުންނެވެ.

ސަރުކާރަށް ޕްރެޝަރުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި މަގުތަކަށް ނުކުމެ އަޑުގަދަކުރުމާއި ދުއްވާ ތަކެއްޗަށް ހުރަސްއެޅުން ފަދަ ވަރަށް ދަށު ދަރަޖައިގެ އަމަލުތައް ވެސް ސިނާއީ މަސައްކަތްތެރިންގެ ފަރާތުން މިހާރު ދަނީ ފެންނަމުންނެވެ.

ސިއްހީ މަސައްކަތްތެރިންނާއި ސިނާއީ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރުމަށް ޕަސެންޓްތަކަކަށް ބަހާލައިގެން -- މިހާރު ތަކެތީގެ އަގު އުފުލިފައި ހުރި ވަރު ފޫބެއްދޭވަރަށް -- އިތުރު ފައިސާ ދިނުމަށް ސަރުކާރުން ދަނީ ވިސްނަމުންނެވެ. މިއީ މި ވަގުތަށް އެންމެ ރަނގަޅު ގޮތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެހެން ނަމަވެސް، ސަރުކާރަށް އޮތް ހުރަހަކީ އެއް ދިމާއަކުން މުސާރަ ބޮޑުކޮށްފައި ހިންދެމި ނުލެވިގެން އުޅެނިކޮށް ކޮންމެވެސް އެހެން ދިމާއެއްގައި މައްސަލަގަނޑު ބޮޑުވެ އާންމު ހަލޭއްފަޅެއް ޖަހަން ފަށާފާނެ ކަމަށް އޮތް ބިރެވެ.