ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕް: ރާއްޖެ އިން ލޯ މެޑަލް ހޯދައިފި

މާލޭގައި ކުރިއަށްދިޔަ ސާބާ ވިމެންސް ބާސްކެޓްބޯޅަ މުބާރާތުގެ ލޯ މެޑަލް ރާއްޖޭގެ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމުން ހޯދައިފި އެވެ.

ރާއްޖޭގެ ޓީމުން މުބާރާތުގެ ތިން ވަނަ ކަށަވަރުކުރީ ރޭ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 34-86 އިން ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ރަން މެޑަލް ސްރީ ލަންކާ އިން ހޯދިއިރު ރިހި މެޑަލް ލިބުނީ ނޭޕާލަށެވެ. މުބާރާތުގައި ވާދަކުރީ ހަތަރު ގައުމުންނެވެ.

މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ރާއްޖެ ހަމައެކަނި ބަލިވީ ޗެމްޕިއަން ލަންކާ އަތުންނެވެ. ފުރަތަމަ މެޗުގައި ނޭޕާލުގެ މައްޗަށް ރާއްޖޭން ކުރި ހޯދީ ފަހު ވަގުތު އެވެ.

މިއީ ރާއްޖޭން މި މުބާރާތުގެ ލޯ މެޑަލް ހާސިލްކުރި ދެވަނަ ފަހަރެވެ. 2016 ވަނަ އަހަރު ނޭޕާލުގައި އޮތް މުބާރާތުގައި ވެސް ރާއްޖޭން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އެފަހަރު ވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލަންކާ އެވެ. ރާއްޖޭން ވަނީ 2019 ވަނަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް ލޯ މެޑަލް ހޯދައިފަ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު މެޗު ފެށުނީއްސުރެ ރާއްޖެ އޮތީ ލީޑުގަ އެވެ. ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފާހަގަވި ނަމަވެސް ބޫޓާނަށް ފުރުސަތެއް ނުދީ ރާއްޖޭން ވަނީ ހުރިހާ ކުއާޓާއެއްގައި ވެސް ލީޑު ދަމަހައްޓައިފަ އެވެ.