އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އުފުލާލައިފި އެވެ.
މާޒިޔާ އިން މި ކާމިޔާބީ ހޯދީ ފަހަތުން އަރައި، 6-1 އިން ކްލަބް އީގަލްސް ބަލިކޮށްފަ އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އީގަލްސް އިން އެ ޓީމުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ އަޝްހަމް އިބްރާހީމް މުހައްމަދުގެ ގޯލަކުންނެވެ. ފުރަތަމަ ހާފުގައި އީގަލްސްއިން ވަނީ އިތުރު ގޯލްތަކެއް ޖެހުމަށް މަސައްކަތްތަކެއްވެސް ކޮށްފަ އެވެ. އެގޮތުން މާޒިޔާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ. އެކަމަކު ފުރަތަމަ ހާފް ނިމިގެން ދިޔައީ އިތުރު ގޯލެއް ކާމިޔާބު ނުކުރެވި އެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަވަނަ މިނެޓުގެ ތެރޭގައި މާޒިޔާގެ ކެޕްޓަން އައިދާން އަހްމަދު މޫސާ ވަނީ އެ ޓީމަށް ފުރަތަމަ ގޯލް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އޭގެފަހުން ފެނިގެން ދިޔައީ މާޒިޔާގެ ހުއްޓުމެއް ނެތް ހަމަލާތަކުގެ ސަބަބުން އީގަލްސް ޕްރެޝަރަށް ވެއްޓި ފަހަތަށް ޖެހެމުން ދިޔަ މަންޒަރެވެ.
މާޒިޔާއަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ 66 ވަނަ މިނިޓުގައި އަނޫފް އަބްދުﷲ ޖެހި ގޯލުންނެވެ. ގޯލްގެ ކައިރި ޕޯސްޓާ ދިމާއަށް ބާރު ސްޕީޑްގައި ބޯޅަ ފޮނުވާލުމުން، އީގަލްސްގެ ކީޕަރަށް އެބޯޅަ ސަލާމަތްކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އޭގެފަހުން މެޗުގެ 83 ވަނަ މިނިޓުގައި އަނޫފް އަބްދުﷲ ވަނީ މާޒިޔާގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދީފަ އެވެ.
މާޒިޔާއަށް ހަތަރުވަނަ ގޯލް މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނަސާހް އިބްރާހީމް ނާސިރު ބޮލުން ޖަހައިގެންނެވެ.
މެޗުގެ ފަހު މިނިޓުތަކުގައި މި މުބާރާތުގެ ރަންބޫޓު ހޯދި ޒުވާން ކުޅުންތެރިޔާ މުހައްމަދު އީލާން ޢިމްރާންގެ ދެ ގޯލުން މާޒިޔާއަށް ލީޑު އިތުރަށް ފުޅާކޮށްދިނެވެ. ޢީލާންގެ ދެ ގޯލަކީވެސް އީގަލްސްގެ ކީޕަރުގެ ބޯމަތިން ފޮނުވާލި ވަރަށް ހިތްގައިމު ދެ ގޯލެވެ.
މާޒިޔާއަށް ލިބުނު މި ކާމިޔާބީއަކީ ޔޫތު ޗެމްޕިއަންޝިޕް ހޯދުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ 2011 ވަނަ އަހަރު 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފަ އެވެ.
ޔޫތު ޗެމްޕިއަންޝިޕް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމަކީ އީގަލްސް އެވެ. އެ ޓީމުން ވަނީ މިހާތަނަށް އެކި އުމުރުފުރާތަކަށް ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. އުމުރުން 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މީގެ ކުރިން ބޭއްވި ދެ ފަހަރުވެސް ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކްލަބް އާއި އީގަލްސް އެވެ.
ނުވަ ޓީމެއް ވާދަކުރި މިއަހަރުގެ މުބާރާތުގައި މާޒިޔާއިން ވަނީ އީގަލްސްއާ ދެކޮޅަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. މީގެ =ކުރިން މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާއިން ވަނީ އީގަލްސް 3-1 އިން ބަލިކޮށްފަ އެވެ.