އެކިއެކި މުނާސަބަތުތައް ފާހަގަކުުރުމުގެ ގޮތުން ކުރާ ހޭދަތައް މަދުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ ސަރުކާރު ހުރިހާ ސްކޫލަކަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސްކޫލުތަކުގައި މުނާސަބަތުތައް ފާހަގަކުރުމަށް ބޮޑެތި ހަރަދުތައް ކުރާ ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކަށް ސްކޫލުތަކުގެ ޕީޓީއޭ އާއި އެކި ސްޕޮންސަރުން މެދުވެރިކޮށް ފައިސާ ހޯދަމުންދާ ކަމަށް އެނގިފައިވާ ކަމަށެވެ.
ސިޓީގައި ވިދާޅުވީ އެގޮތަށް ބެލެނިވެރިން މެދުވެރިކޮށް ފައިސާ ހޯދުމާއި ހަރަދުކުރުވުމަކީ މިނިސްޓްރީން ހިތްވަރު ދޭ ކަމެއް ނޫން ކަމަށެވެ. އެގޮތަށް ސްކޫލުތަކުން ފައިސާ ހޯދާތީ ޝަކުވާ ލިބޭ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"ސްކޫލްތަކުން ރާވާ ހިންގޭ ކޮންމެ ހަރަކާތަކީ އެކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތަަކަށް ހެދުމާއި ބެލެނިވެރިން ދަރިވަރުންނަށްޓަކައި ކުރާ ކޮންމެ ހޭދައަކީ އެކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މި މިނިސްޓްރީން އަބަދުވެސް ބާރު އަޅަމެވެ." ސިޓީގައި ވިދާޅުވެފައިވެ އެވެ.
ސިޓީގައި އިތުރަށް އެދިވަޑައިގެންފައިވަނީ ހަރަދުކުޑަކުރުމަށާއި އިގްތިސާދު ކުުރުމަށް ބާރުއަޅައި ހިތްވަރު ދިނުމަށެވެ. ވާދަވެރިކަމުގައި އެއް ސްކޫލު އަނެއް ސްކޫލުން ކުރާ ބޮޑެތި ހަރަދުތަކާ ގުޅިގެން ސްކޫލްތައް އަޅާކިޔުމަށް މަގުފަހިވެގެންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.