ލައިފްސްޓައިލް

ކައިގެން އަވަހަށް ފެންވަރައިގެން ނުވާނޭ ބުނަނީ ކީއްވެ؟

ކައިގެން އިރުކޮޅަކު މަޑުކޮށްނުލައި ބައެއް މީހުން ފެންވަރަ އެވެ. ނަމަވެސް އަޔުރްވެދާ ބޭސްވެރިކަމުގެ ތަޖުރިބާކާރުންނާއި މެޑިކަލް ޑޮކްޓަރުން ވެސް އެއްބަސްވާ ގޮތުގައި މިއީ އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ.

ފެން ވަރާނަމަ ފެން ވަރަން ޖެހޭނީ ކެއުމުގެ ތަންކޮޅެއް ކުރިންނެވެ. ކައިގެން ފެންވަރާނަމަ ދެ ތިން ގަޑިއިރު މަޑުކޮށްފައި ނޫނީ ފެން ނުވެރުމަށް ތަޖުރިބާކާރުން އިރުޝާދު ދެއެވެ.

އިންޑިއާގެ އަޔުރްވެދާ ތަޖުރިބާކާރު ޑރ. ރޭކާ ރާދަމޯނީ ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ އާޓިކަލެއްގައި ލިޔެފައިވާ ގޮތުގައި ކައިގެން ވަގުތުން ފެން ނުވަރާށޭ ބުނަނީ އޭގެން ނުކުންނާނެ ނޭދެވޭ ނަތީޖާތަކެއް ހުރީމަ އެވެ.

"ފެން ވެރުމަކީ ހަށިގަނޑު މުޅިން ފިނި ކޮށްލާނެ ކަމެއް. ގަޔަށް ފެން އެޅުމާއެކު ހަށިގަނޑުގެ ޓެމްޕްރޭޗަރު ވަރަށް ބޮޑަށް ދަށްވާނެ. އެއާއެކު ލޭ ދައުރުވާ މިންވަރުވެސް ދަށްވާނެ. ނަތީޖާއަކަށް ވާނީ ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ވެސް ލަސްވެ ކާއެއްޗެތި ހަޖަމު ނުވެ ބަނޑުތެރޭގައި ގިނައިރު ހުންނަން މެދުވެރިވުން،" ޑރ. ރޭކާ ލޔެފައި ވެއެވެ.

"އެންމެ ރަނގަޅު ގޮތަކީ ކެއުމުގެ 1-3 ގަޑިއިރު ކުރިން ފެންވެރުން،" އޭނާ ލިޔެފައި ވެއެވެ.

މިއީ އަޔުރްވެދިކް ޑޮކްޓަރުން ނޫނަސް މެޑިކަލް ޑޮކްޓަރުން ވެސް އެއްބަސްވާ ވާހަކަ އެކެވެ.