ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ހަފުތާ މަޖައްލާއެއް ނެރުއްވަން ފައްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަފުތާ މަޖައްލާއެއް ނެރުއްވަން ފައްޓަވައިފި އެވެ.

މި މަޖައްލާ ނެރެނީ، ރައީސް ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިންނެވެ.

"އޯޝަން ވީކްލީ"ގެ ހަފުތާގެ ފުރަތަމަ އަދަދު ނެރެފައިވަނީ އިއްޔެ އެވެ. މި މަޖައްލާއަކީ ކޮންމެ ހުކުރު ދުވަހަކު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާ އެކެވެ.

މި ހަފުތާގެ އަދަދުގައި އަމާޒުކޮށްފައިވަނީ "ޓެކްސް ބަދަލު" މި މައުލޫއަށެވެ. މީގެއިތުރުން ތިމާވެއްޓާއި އިޖުތިމާއީ އަދި ކުޅިވަރާއި ގުޅުންހުރި ލިޔުންތައް ވެސް މަޖައްލާގައި ހިމެނެ އެވެ.

މި މަޖައްލާ ވިއްކަނީ 50 ރުފިޔާ އަށެވެ. މި މަޖައްލާ، ނޮވެލްޓީ ބުކްޝޮޕް، އަޝްރަފީ ބުކްޝޮޕް، ރާދަ ބުކްޝޮޕް، ނާސަރީ ބުކްޝޮޕުން ގަންނަން ލިބެން ހުރެ އެވެ. މީގެއިތުރުން ބައެއް ކެފޭ ރެސްޓޯރަންޓްތަކުންވެސް މި ފޮތް ގަންނަން ލިބެން ހުންނާނެ ކަމަށް އޯޝަން ވީކްލީން ބުނެ އެވެ.

ކުރިން ނޫސްވެރިކަންވެސް ކުރެއްވި ރައީސް ނަޝީދު ވަނީ 2020 ވަނަ އަހަރު "ދެރަދުން"ގެ ނަމުގައިވެސް ފޮތެއް ނެރުއްވާފަ އެވެ.

"ދެރަދުން" ފޮތާއި ރައީސް ނަޝީދުގެ ކޮއްކޯފުޅު އަހުމަދު ނާޒިމް އަބްދުއްސައްތާރު ލިޔުއްވި "ދިވެހި ލަފްޒުގެ ކިއްސަރު" ފޮތްވެސް ނެރުނީ އޯޝަން ޕަބްލިޝާސްއިންނެވެ.