އެމްއެންޑީއެފް

އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

Oct 1, 2022

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ އެވެ.

މި ބޯޓު މާލެއަށް ދަތުރު ފެށީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ. ބޯޓުން މީހަކު ގެއްލިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:30 ހާއިރު އެވެ.

އެވަގުތުން ފެށިގެން ދިވެހި ސިފައިން އޭނާ ހޯދަމުން ދަނިކޮށް ސިފައިންގެ "ހަކުރާ" ލޯންޗަށް އޭނާ ފެނުނީ މިއަދު ހަވީރު 5:25 ހާއިރު އެވެ.

ސިފައިންގެއިން އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބޯޓު އަޑިއަށް ދިޔައިރު ގެއްލުނު މީހާއާ އެކު ޖުމްލަ ހަތް މީހަކު ބޯޓުގައި ތިއްބެވެ. އެހެން މީހުން ކަނޑުވެފައި ތިއްބާ އެ ސަރަހައްދުން ދަތުރުކުރި "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން ވަނީ އެ މީހުން ސަލާމަތްކޮށްފަ އެވެ.