ދުނިޔެ

ޖަކާޓާގައި ބާރުގަދަ އެއްޗެއް ގޮވައި ތިން މީހުން މަރުވެއްޖެ

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ބާރުގަދަ، ގޮވާ ޒާތުގެ އެއްޗެހިތަކެއް ގޮވައި، ތިން މީހުން މަރުވެއްޖެ އެވެ. މަރުވި މީހުންގެ ތެރޭގައި އެ ގައުމުގެ ފުލުހަކުވެސް ހިމެނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖަކާޓާގެ ޝޮޕިން ސެންޓަރެއް ކަމަށްވާ ސަރީނާ މޯލްގެ ކައިރީގައި މިއަދު ވަނީ ގޮވާ ޒާތުގެ އެތައް އެއްޗެއް ގޮވާފަ އެވެ. މި ހަމަލާގައި އަނިޔާވި މީހުންގެ އަދަދު މިހާތަނަށް ކަށަވަރުވެފަ އެއް ނުވެ އެވެ. އެސަރަހައްދަކީ އިންޑޮނޭޝިޔާގެ "ޕްރެޒިޑެންޝިއަލް ޕެލަސް" ހުންނަ ސަރަހައްދެވެ.

މިކަމާބެހޭ ގޮތުން ފުލުހުން ބުނީ މިއީ ބޮމުގެ ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އަދި ޔަގީންކޮށް ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

އެ ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއްވެސް ދީފައިވާ ކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި އެގައުމުގެ ޓީވީ ޗެނަލަކުން ހަބަރުކުރާ ގޮތުގައި އެސަރަހައްދުގައި ގޮވާ ޒާތުގެ ހަ އެއްޗެއް ވަނީ ގޮއްވާލާފަ އެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވިއަސް އައިސިސް ޖަމާއަތުން މީގެ ކުރިން އެގައުމަށް ހަމަލާތަކެއް ދީފަ އެވެ.

ސަރިނާ މޯލް ސަރަހައްދު މިހާޜުވަނީ ބަންދުކޮށް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. އަދިވެސް އިތުރު އެއްޗެއް ގޮއްވާލަފާނެތީ ފުލުހުން ވަނީ އާއްމުން ގެތަކުން ނުނުކުމެ އެތެރޭގައި ތިބުމަށް އިލްތިމާސްކޮށްފަ އެވެ.