އެމްއެންޑީއެފް

އަޑިއަށް ދިޔަ ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

Oct 2, 2022

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން އަޑިއަށް ދިޔަ ބޯޓުން ކަނޑުވި މީހުން މާލެއަށް ގެނެސްފި އެވެ.

ކަނޑުވި ހަ މީހުން ރޭ 11:45 ހާއިރު މާލެ ގެނެސްފައިވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓުގަ އެވެ.

މާލެ ގެނައި ހަ މީހުންނަކީ ވެސް އިންޑިއާ މީހުންނެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ ކަނޑުވި މީހުންނާ ގުޅުންހުރި ކަންކަން ކަމާ ގުޅޭ އިދާރާތަކުން ބަލައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސަމުންދާ ކަމަށެވެ.

ބޯޓު އަޑިއަށް ދިޔައީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އަޑިއަށް ދިޔަ ވަގުތު ހަތް ފަޅުވެރިން ބޯޓުގައި ތިއްބެވެ. އެކަކު ގެއްލިގެން ދިވެހި ސިފައިންނަށް ރިޕޯޓް ކުރީ އިއްޔެ ހެނދުނު 10:30 ހާއިރު އެވެ. ސިފައިންގެ މަސައްކަތުން އެމީހާ ފެނުނީ އިއްޔެ ހަވީރު 5:25 ހާއިރު އެވެ.

އެ މީހާ ވެސް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.