އައިޖީއެމްއެޗް

ކަނޑުވި މީހާ ފަރުވާއަށް ގެނައި އިރުވެސް އޮތީ މަރުވެފައި

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދިޔަ ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ހޯދުމަށްފަހު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައިވަނީ 59 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

އަޑިއަށް ދިޔަ ބޯޓު މާލެއަށް ދަތުރު ފެށީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ. ބޯޓުން މީހަކު ގެއްލިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ރިޕޯޓްކުރީ އިއްޔެ ހެނދުނު 10:30 ހާއިރު އެވެ.

އެވަގުތުން ފެށިގެން ދިވެހި ސިފައިން އޭނާ ހޯދަމުން ދަނިކޮށް ސިފައިންގެ "ހަކުރާ" ލޯންޗަށް އޭނާ ފެނުނީ އިއްޔެ ހަވީރު 5:25 ހާއިރު އެވެ. އޭނާ އަށް ފަރުވާ ދިނުމަށްޓަކައި ލަސްނުކޮށް މާލެ ގެނެސްފައިވެ އެވެ.

ބޯޓު އަޑިއަށް ދިޔައިރު މަރުވި މީހާއާ އެކު ޖުމްލަ ހަތް މީހަކު ބޯޓުގައި ތިއްބެވެ. މަރުވި މީހާ ފިޔަވާ އެހެން މީހުން ކަނޑުވެފައި ތިއްބާ އެ ސަރަހައްދުން ދަތުރުކުރި "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓެއްގައި ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.

ބޯޓުގައި ތިބި އެންމެންނަކީވެސް އިންޑިއާ މީހުންނެވެ. ރޭގައި މާލެ ގެނައި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އިދާރާތަކުން ބުނެ އެވެ.