ނިރުފެހިގެ އަލިފާން

ނިރުފެހިގެ އަލިފާން: އައިޖީއެމްއެޗްގައި އޮތް މީހާގެ ހާލު ރަނގަޅެއް ނޫން

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ މީހާގެ ހާލު ރަނގަޅު ނޫން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި ފިހިގެން ފަރުވާދެމުން އަންނަނީ ބިދޭސީ ފިރިހެނަކަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފް ވިދާޅުވީ ބިދޭސީ މީހާ އަށް ފަރުވާ ދެނީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.

"އޭނާގެ ހާލަތައް އެއްވެސް ވަރެއްގެ އިމްޕްރޫވްމެންޓެއް ނާދޭ،" އަފީފާ ވިދާޅުވި އެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެފައިވެ އެވެ. އެއީ އިންޑިއާގެ ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާއިރު އަލިފާން ރޯވި ގޭގެ ތިރީގައި ހުންނަނީ ގަރާޖެކެވެ.

ގަރާޖު މަތީގައި ޑެކް އަޅައިގެން ހަދާފައިވާ ބައިގައި ކޮޓަރިތަކެއް ހުންނައިރު އެތަންތަން ބޭނުންކުރަނީ ވަކިވަކި ގޭބިސީތަކެއްގެ ގޮތުގައި ކަމަށް އަލިފާނުގެ ހާދިސާ ހިނގި ދުވަހު އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.