އިހަވަންދޫ

އިހަވަންދޫ ސްކޫލުގެ ދަރިވަރުންނަށް މަސްވެރިކަމުގެ ކްލަބެއް

ހއ. އިހަވަންދޫ ސްކޫލުގައި "ޔަންގް ފިޝާޒް ކްލަބް"ގެ ނަމުގައި ހާއްސަ ކްލަބެއް އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ފިޝަމެން އެސޯސިއޭޝަނާއި އިހަވަންދޫ ސްކޫލު ގުޅިގެން އުފެއްދި މި ކްލަބް އިފްތިތާހު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިހަވަންދޫ ސްކޫލުގަ އެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ކްލަބް އިފްތިތާހުކޮށްދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. މިއީ ރާއްޖޭގެ ސްކޫލެއްގައި މަސްވެރިކަމަށް ހާއްސަކޮށްގެން އުފެއްދި ފުރަތަމަ ކްލަބެވެ.

މި ކްލަބުގެ މަގުސަދަކީ ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކުރުވުމެވެ. މީގެއިތުރުން މޫސުން ލަފާކުރާ ގޮތް ދެނެގަތުމާއި، ނެވިކަމުގެ އާލާތްތައް ބޭނުންކުރާނެ ރަނގަޅު ގޮތްތައް ވެސް ކްލަބުގެ ދަރިވަރުންނަށް ބުނެދޭނެ އެވެ.

ފިޝަމެން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ޝާކިރު ވިދާޅުވީ އިހަވަންދޫ ސްކޫލުގައި އުފެއްދި ކްލަބަކީ ތަޖުރިބާ ކުރުމުގެ ގޮތުން އުފެއްދި ކްލަބެއް ކަމަށެވެ. މިއަހަރު އިތުރު ސްކޫލެއްގައި މިފަދަ ކްލަބެއް ހެދުމަށް ނިންމާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އިހަވަންދޫގެ ތަޖުރިބާއަށް ބެލުމަށްފަހު އަޅުގަނޑުމެން މި ޕްލޭން ކުރަނީ މިހާރަށް ވުރެ ފުރިހަމައަށް އަންނަ އަހަރު ބައެއް ސްކޫލުތަކުގައި މިފަދަ ކްލަބްތައް އުފައްދަން،" ޝާކިރު ވިދާޅުވި އެވެ.

އިހަވަންދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަބްދުއްސަމަދު ވިދާޅުވީ އެ ސްކޫލުގެ މަސްވެރިކަމުގެ ކްލަބްގެ ހަރަކާތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ކްލަބްގެ މަސައްކަތްތަކަށް ބޭނުންވާ ބައެއް ވަސީލަތްތައް ވެސް ސްކޫލަށް ލިބިފައިވާ ކަމުގައި ވިދާޅުވި އެވެ.

"މިހާރު އެއް ސެޝަންވެސް ނަގައިފި. މޫސުމާ ބެހޭ ގައުމީ އިދާރާގެ ދެ ބޭފުޅުން ވަޑައިގެން މައުލޫމާތު ހިއްސާކުރީ މޫސުން ލަފާކުރާނެ ގޮތް ކިޔައިދިނުމަށް،" މުހައްމަދު ވިދާޅުވި އެވެ.

ފިޝަމެން އެސޯސިއޭޝަނުން ކުރިއަށް ގެންދާ މިމަސައްކަތަށް މިއަހަރު ނިމެންދެން ދިރާގުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވެ އެވެ.