ހއ. އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކުުރުމަށް ރޭ ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ބޮޑު ތިލަދުންމަތިން މަސް ގަންނަ މަރުކަޒުގެ މަސައްކަތް އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ސަރަހައްދުގައި އޮތް އެންމެ ދިރުންހުރި އެއް އިގްތިސާދަކީ އިހަވަންދޫ ކަމަށެވެ. އިހަވަންދޫއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫއު ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ ބޮޑުކަންނެލީގެ މަސްވެރިން ގިނަ ސަރަހައްދެއް. ހަނިމާދޫން ކަންނެލި އެކްސްޕޯޓް ނުކުރެވޭ ކަމީ އިގުތިސާދުގައި އެޅިފައި އޮތް މަރުތަޅެއް. އުތުރުގެ އިގްތިސާދީ މައި ދޮރޯށީގެ ގޮތުގައި ހަނިމާދޫ ހުޅުވާލެވުނުނަމަ، މި ސަރަހައްދުގެ 8000 ޓޫރިސްޓް އެނދު ބާވާނެތާ މިހާރު ކިތަންމެ ދުވަހެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ގެންނަ ބޮޑު ބަދަލު މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދޫގެ ހާލަތު ކަމަށެވެ. އެ ބަދަލު ގެންނާނީ މިހާރު ބޮޑު ތިލަދުންމައްޗަށް ގެންނަ ބޮޑު ބަދަލާއެކު ކަމަށްވެސް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ މުޅިން އާ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
މިއަހަރު ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއު 2024 ވަނަ އަހަރު ނިންމާ ހިދުމަތް ދޭން ފަށާނެ އެވެ.