ޑރ. މުހައްމަދު މުއިއްޒު

އޭއައިއައިބީ ބޭންކް ޑިރެކްޓަރުންގެ ބައްދަލުވުމަށް މުއިޒް ޗައިނާއަށް

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ޗައިނާގެ ވެރިރަށް ބެއިޖިންގްއަށް ފުރާ ވަޑައިގެންފި އެވެ. މިނިސްޓަރު ޗައިނާ އަށް ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ.

އޭއައިއަބީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރު މުއިޒް ބައިވެރިވެވަޑައިގަންނަވަނީ، އޭއައިއައިބީ އަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުގެ ހައިސިއްޔަތުންނެވެ. އެމަނިކުފާނާއެކު އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ބައްދަލުވުން މާދަމާއިން ފެށިގެން މިމަހުގެ 19 އަށް ކުރިއަށްދާނެ އެވެ.

އޭއައިއައިބީ ބޭންކަކީ، އޭޝިއާގެ ގައުމުތަކުގެ ގުޅުން ރަނގަޅުކޮށް ސަރަހައްދީ އެހެން ބޭންކް ތަކާއި ގުޅިގެން، އޭޝިއާގެ ގައުމުތަކުގެ އިގްތިސާދީ ތަރައްގީއަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމުގެ ދަށުން އުފެއްދި ބޭންކެކެވެ.

ހައުސިން މިނިސްޓްރީން ބުނީ މިނިސްޓަރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި، ޗައިނާ- މޯލްޑިވްސް ފްރައިންޑްޝިޕް ބްރިޖް އަޅައިދޭ އެ ގައުމުގެ ޗައިނާ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަންސްގެ ރައީސް އާއި ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ބްރިޖްގެ އުމްރާނީ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެ ކުންފުނީގެ ސަބްސިޑައިރީ ކުންފުންޏެއް ކަމަށްވާ ސީސީސީސީ ހައިވޭ ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.