ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

33 ރިސޯޓު ހުޅުވައި އެތައް ހާސް ވަޒީފާ އުފައްދައިފިން: ރައީސް

Oct 2, 2022
3

ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގައި އަލަށް 33 ރިސޯޓް ހުޅުވައި ފަތުރުވެރިކަމުގެ އެނދުގެ ޖުމްލަ އަދަދު 57،436 އަށް އިތުރުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އަލަށް ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ނޮވެމްބަރު 17، 2018 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި އަލަށް 33 ރިސޯޓާއި، 471 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށެވެ. އެއީ 8،385 ކޮޓަރި ނުވަތަ 16،783 އެނދު ކަމަށާއި އެ ތަންތަން ހުޅުވުމާއެކު ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފައްދައިދެވިފައިވާ ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެފައިވާ ގޮތަށް ބައްލަވާލައްވާ ރައީސް ވިދާޅުވީ ހުސްވި މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި، ތިން ޔޮޓް މެރީނާ އާއި، 13 ޓޫރިސްޓު ހޮޓަލާއި، 721 ގެސްޓް ހައުސް ހިންގަމުންދާ ކަމަށެވެ. މީގެއިތުރުން ހޯމް ސްޓޭ ހަތަރު ގެސްޓްހައުސްއާއި، 147 ޓޫރިސްޓް އުޅަނދާއި، ހަތް ބެއާ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުންދާއިރު، ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ އަދަދު 57،436 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެ މިއަދު މިދެކޭ ތަރައްގީގައި ރާއްޖޭގެ އިގްތިސާދު ހަލުވި ދުވެލީގައި ކުރިއަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާއަތު ކަމަށެވެ.

"ފަތުރުވެރިކަމުގެ ބާނީންނަށް މިއަދު ޝުކުރު އަދާކުރަންޖެހެނީ އެ ސަބަބާ ގުޅިގެން،" ރައީސް ވިދާޅުވި އެވެ.

މިސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ މީހުންގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މިސިނާއަތު ސިންދަފާތުކުރުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އެއް އަމާޒު ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިގޮތުން ހަނިމާދޫ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަނޭޝަލް އެއާޕޯޓުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް ހިނގަމުން އެބަދޭ. ވައިގެ ބަނދަރުތައް ތަރައްގީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރްޓީއެލް ފެރީތަކުން މުޅި ރާއްޖެ ގުޅާލެވިގެންދާއިރު ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާފަހި ފުރުސަތުތަކެއް އޮންނާނީ ހުޅުވިފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ގައުމީ ވާޖިބެއް ކަމުގައި މިއަދު ދެކެންޖެހޭ ކަމަށެވެ. އެއީ ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުމަށް މުހިއްމު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރިކުރުވާ އެންމެ މުހިއްމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މިރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ފާހަގަކުރައްވައި، އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުން ސަމާލުވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ރައީސް ވަނީ "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" އިފްތިތާގްކޮށްދެއްވައި، އެ އެވޯޑް ލިބުނު ހަ ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ. ނައިބް ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެން، "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވެ އެވެ.

ރާއްޖޭގައި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ތިނެއް އޮކްޓޫބަރު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖެއްސެވީ، ރާއްޖޭގައި ފުރަތަމަ ޓޫރިސްޓު ރިސޯޓެއް ހުޅުވުނީ އެ ދުވަހުގައި ކަމަށްވާތީ އެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވީ އޮކްޓޫބަރު 3، 1972 ގައެވެ.