ލައިފްސްޓައިލް

ފިރިހެނަކަށް ދޫނުކުރާ "ޓަޔަރު ޑޮކްޓަރު"

ހަމައެކަނި ފިރިހެނުންނަށް ކުރެވޭނެހެން ހީވާ ވަރަށް ގިނަ މަސައްކަތްތައް މިޒަމާނުގައި އަންހެންވެރިން ކޮށް އުޅޭތީ ފެނެ އެވެ. ނަމަވެސް ބައިސްކަލާއި ސައިކަލު އަދި ކާރާއި ލޮރީ ފަދަ ތަކެތީގެ ފުރޮޅު މަރާމާތުކުރުމުގެ މަސައްކަތް ކުރެވޭނެ ވަރުގަދަ އަންހެނުން ވަރަށް މަދުން ނޫނީ ނުފެންނާނެ އެވެ.

އިންޑިއާގެ "ޓަޔަރީ ޑޮކްޓަރު"ގެ ނަމުން މަޝްހޫރުވެފައިވާ ކަމަލާ ނެގީ އަކީ މިފަދަ މެކޭނިކެކެވެ. އޭނާގެ ވަރުގަދަކަމާއި ކުޅަދާނަކަމުން "އަޔަން ލޭޑީ" (ދަގަނޑު އަންހެނާ)ގެ ނަމުން ވެސް މީހުން އޭނާއާ މުޚާތަބު ކުރެ އެވެ.

އާއްމުކޮށް ޓަޔަރު މަރާމާތުކުރާ ތަންތަނުގައި މަސައްކަތްކުރާތަން ފެންނަނީ ޖާނުން ވަރުގަދަ ފިރިހެނުންނެވެ. މެދު އުމުރުގެ އަންހެނަކު އެ މަސައްކަތުގައި އުޅެނިކޮށް ވަރަށް ނުފެންނާނެ އެވެ. ނަމަވެސް އުތުރާކަންޑްގެ ނައިނީތާލްގައި ކަމަލާގެ ވޯކްޝޮޕްގައި އެ މަސައްކަތް ކުރަނީ އޭނާގެ އަމިއްލަ އަތުންނެވެ.

ކަމަލާ މީގެ 15 އަހަރު ކުރިން ވެހިކަލްގެ ސްޕެއާ ވިއްކާ ތަނެއް ހުޅުވައި ޓަޔަރު މަރާމާތުކުރުމުގެ މަސައްކަތް ފެށީ ވަރަށް ކުޑަކުޑަ ބިންކޮޅެއްގަ އެވެ. އޭނާގެ ރިޕެއާ ޝޮޕް ކިތަންމެ ކުޑަޔަސް އެތަނުން ބައިސްކަލް، ސައިކަލް، އަދި އެނޫންވެސް ވެހިކަލްތަކުގެ ފުރޮޅު މަރާމާތުކޮށް އަޅުވައިދިނުމާއި އެނޫންވެސް ކުރަންޖެހޭ މަރާމާތުތައް އޭނާ ކޮށްދެ އެވެ.

ކަމަލާ ބުނި ގޮތުގައި ކުރީކޮޅު ބައެއް މީހުން އޭނާ ލައްވާ މަސައްކަތް ކުރުވަން ފަސްޖެހެ އެވެ. ބޮޑެތި ވެހިކަލްތަކުގެ ބަރު ފުރޮޅުތައް އުފުލައިގެން ގެންގޮސް އެ ތަކެތި މަރާމާތުކޮށް އެޅުވުމުގެ މަސައްކަތް އޭނާއަށް ނުކުރެވޭނެކަމަށް ހީވާތީ އެވެ.

ކަމަލާގެ މަސައްކަތް ފެށުނީ 2004ގައެވެ. އެ ދުވަސްވަރު އޭނާގެ ގޭދޮށުގައި އުޅުނު ކުޑަކުދިންތައް ވަރަށް ބައިސްކަލް ދުއްވާ ހިތްވާނެ އެވެ. އެހެންވެ އޭނާ ބައިސްކަލެއް ހޯދައިގެން ކުދިންނަށް ގަޑިއަކަށް ފަސް ރުފިޔާ މަގުން ބައިސްކަލް ކުއްޔަށް ދޭން ފެށި އެވެ. އަދި އެއާއެކު ބައިސްކަލް ދުއްވަން ދަސްކޮށްދިނުމުގެ މަސައްކަތް ވެސް އޭނާ އުޖޫރައަށް ކުރަން ފެށި އެވެ.

ކަމަލާ ކައިރިއަށް ޑަޒަނެއްހާ ކުދިން ބައިސްކަލް ދުއްވަން ދަސްކުރަން އައެވެ. އަދި ބައެއް ކުދިން ބައިސްކަލްގެ ހަން ފަޅައިގެން ގޮސްގެން މަރާމާތު ކުރަން ވެސް އާދެ އެވެ. ފުރަތަމަ ކަމަލާ ފެށީ މިގޮތަށް އަންނަ ކުދިންގެ ބައިސްކަލް ޓަޔަރު މަރާމާތުކުރުމުގެ މަސައްކަތެވެ.

ކަމަލާގެ ފިރިމީހާ އަކީ ވެހިކަލް މަރާމާތު ކުރާ މެކޭނިކެކެވެ. އެހެންވެ މަޑުމަޑުން އޭނާއަށް ވެސް މަރާމާތުކުރުމުގެ މަސައްކަތް ދަސްވާން ފެށި އެވެ. މާލީ ހާލަތު ހުރި ގޮތުން ފިރިމީހާ އަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސޭތީ ކަމަލާ ފަހުން ގަރާޖުގައި މަޑުކޮށްފައި ފިރިމީހާ އެހެން މަސައްކަތްތައް ކުރަން ދުރު ތަންތަނަށް ފޮނުވަން ފެށި އެވެ.

ދެ ކުދިންގެ މަންމަ ކަމަލާގެ މިހާރު އޮޓޯމޯބައިލް ރިޕެއާ ކުރާ ފިހާރައެއް އެބަހުއްޓެވެ. އަދި ހަފުތާއަކު ހަތް ދުވަހު ހުޅުވާފައި ހުންނަ މި ފިހާރައިން ފުދޭވަރެއްގެ އާމްދަނީއެއް މިހާރު އޭނާއަށް ލިބެ އެވެ.

މިއީ އަންހެނަކަށް ނުކުރެވޭ ވަރުގެ އުނދަގޫ ކަމެއް ނޫނޭ ބައެއް މީހުން ހިތަށް އަރާފާނެ އެވެ. ނަމަވެސް ކަމަލާ މި މަސައްކަތް ކުރާތީ ބައެއް މީހުން އޭނާއަށް ވަރަށް މަލާމާތްކޮށް ފުރައްސާރަ ކޮށްވެސް ހަދަ އެވެ. އަދި ފާޑުފާޑުގެ ނަންނަމުން ގޮވާ ވެސް އުޅުނެވެ. ނަމަވެސް އެއީ މާޒީ އެވެ. މިހާރު އެ ހިސާބުގަނޑުގެ އެންމެންނަށް ކަމަލާ ކުރާ މަސައްކަތް އެނގި ފަރިތަ ވެއްޖެ އެވެ.

މިހާރު އެމީހުން އޭނާއަށް ގޮވަނީ 'ދައްތާއޭ" ކިޔާފަ އެވެ. އަދި ޓަޔަރު ޑޮކްޓަރޭ ވެސް ގޮވަ އެވެ. އަދި ކުރިން މަލާމާތްކުރި ގިނަ ބަޔަކު މިހާރު އޭނާއަށް ގަދަރު ކުރެ އެވެ.