ދުނިޔެ

އައިކާއޯ ކައުންސިލަށް ރަޝިއާ ނުހޮވުނު

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (އައިކާއޯ)ގެ އެގްޒެކެޓިވް ކައުސިލަށް ރަޝިއާ މިފަހަރު ނުހޮވުނެވެ.

ރޮއިޓާސް ބުނާ ގޮތުން އައިކާއޯ ކައުންސިލުގައި ދެމިހުރުމަށް ބޭނުންވާ އަދަދަށް ރަޝިއާއަށް ވޯޓެއް ނުލިބެ އެވެ. ވޯޓު ނުލިބުނީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.

އައިކާއޯ އެގްޒެކެޓިވް ކައުންސިލްގައި ހިމެނެނީ 26 ގައުމެކެވެ. އެގްޒެކެޓިވް ކައުންސިލަށް މިފަރު ހޮވުނު ގައުމުތަކަކީ އޮސްޓްރޭލިއާ، ބްރެޒިލް، އިނގިރޭސިވިލާތް، ޖަރުމަން، އިޓަލީ، ކެނެޑާ، ޗައިނާ، އެމެރިކާ، ފްރާންސް، އަދި ޖަޕާން އެވެ.

މި ނަތީޖާއާ ބެހޭ ގޮތުން ރަޝިއާ ބުނީ އައިކާއޯ ކައުންސިލަށް ނުހޮވުނީ އޭވިއޭޝަން ދާއިރާއަށް ރަޝިއާ ކޮށްދޭ މަސައްކަތް މަދުކަމުން ނޫން ކަމަށެވެ.

އެގްޒެކެޓިވް ކައުންސިލަށް މެމްބަރުން އައްޔަން ކުރުމުގައި ހިނގައި ދިޔަ ވޯޓުގެ މަރުހަލާ އަކީ މުޅިން ސިޔާސީވެފައި އޮތް އަދި ހުޅަނގަށް ބައިއަޅާ ގައުމުތަކުން ފިކުރަށް ތަބާވެފައި އޮތް ވޯޓެއް ކަމަށްވެސް ރަޝިއާގެ އޮފިޝަލް ވިދާޅުވި އެވެ.

ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ޔުކްރޭން ސަފީރު، ޔޫލިއާ ކޮވާލިފް ވިދާޅުވި ގޮތުގައި ރަޝިއާގެ އަމަލުތަކަށް އަދަބު ދިނުމުގެ ސިޔާސަތަކަށް އޮތީ އެއްބަސްވެވިފަ އެވެ.

އެގްޒެކެޓިވް ކައުންސިލަށް ރަޝިއާ ނުހޮވީ ސުލްހަ ދޫކޮށްލައި އަނިޔާވެރިވެފައި ވާތީ ކަމަށް ސް ޔޫލިއާ ވިދާޅުވި އެވެ.

މިނިވަން ގައުމެއްގެ ވައިގެ ތެރެއަށް ވަދެ އާންމު ރައްޔިތުންގެ ބޮލަށް ބޮންއަޅާ ގައުމަކަށް އައިކާއޯ އެގްޒެކެޓިވް ކޮމިޓީން ޖާގަ ދެވިގެން ނުވާނެ ކަމަށް ވެސް ޔޫލިއާ ވިދާޅުވި އެވެ.

އައިކާއޯގެ ސިޔާސަތުތަކަށް ގޮން ޖަހައި އިންސާނީ ހައްގުތަށް މުގުރާ ބަޔަކަށް އަދަބު ދިނުމުގައި ދުނިޔެ އޮންނަން ވާނީ އެކުއެކީގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޔޫލިއާ ވިދާޅުވި އެވެ.

އެގްޒެކެޓިވް ކައުންސިލަށް ވޯޓު ލުމުގެ ކުރިންވެސް ކެނެޑާ އަދި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ވެސް އޮތީ ރަޝިއާ ބޭރުކޮށްލަން ވިސްނާފަ އެވެ.

ކެނެޑާގެ ޓްރާންސްޕޯޓް މިނިސްޓަރު އުމަރު އަލްޣަބްރަތު ރޮއިޓާސް އަށް ވިދާޅުވި ގޮތުން ރަޝިއާ ޖަވާބުދާރީ ކުރުވެން ހުރި ގޮތްތަކަށް ވިސްނަން ކެނެޑާ އޮތީ ނިންމާފަ އެވެ.