އާދަމް ޝަރީފު އުމަރު

ފަތުރުވެރިކަމަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމްޑީޕީ: އާދަމް ޝަރީފް

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދާއިރު ފަތުރުވެރިކަމަށް އެންމެ ބޮޑު ގެއްލުމެއްދިނީ ވެރިކަން ކުރާ އެމްޑީޕީން ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އަވަސްއާ ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ 2012 އިން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާފައި ވަނީ އެމްޑީޕީން ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެމްޑީޕީގެ އިސްވެރިން ތަކުރާރުކޮށް ގޮވާލެއްވި ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުގެ އިތުރުން ބޭރުގެ ބައެއް މީޑިއާ ތަކުގައިވެސް ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލީ އެމްޑީޕީގެ އިސްވެރިން ކަމަށެވެ. އެ މަންޒަރުތައް ރެކޯޑް ކުރެވި ރައްކާކުރެވިފައި އެބަހުރި ކަމުގައިވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މިވެރިކަމުގައި ފަތުރުވެރިކަމާ ގުޅުންހުރި ރަނގަޅު ސިޔާސަތުތަކެށް ތަންފީޒު ކުރަމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ މި ސަރުކާރުން ވައުދުވި ގޮތަށް ރިސޯޓް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަދިވެސް "ނައިޓަށް ރަށަށް" ނުދެވުން ކަމަށެވެ.

"ފަތުރުވެރިކަމާއި ގުޅުންހުރި ސިޔާސަތުތަކުގެ ފޮނި މީރުކަން ރިސޯޓް ތަކުގައި އުޅޭ ދިވެހި ކުދިންނަކަށް ނުލިބޭ. ރިސޯޓް ތަކުގެ އިސް މަގާމުތަކުގައި މި ތިބެނީ ބޭރު މީހުން. ގިނަ ރިސޯޓު ތަކުގައި 40 އިންސައްތަ ދިވެހިންވެސް ނޫޅޭ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވަމުން މިއަންނަނީ ސަރުކާރުން ކުރާ މޮޅު ކަމެއްގެ ސަބަބުން ނުވަތަ ސަރުކާރުގެ ސިޔާސަތެއްގެ ފުރިހަަމަކަމަކުން ނޫން ކަމަށެވެ.

"މިއީ ރިސޯޓުތަކުގައި އުޅޭ ދިވެހި ކުދިން މި ރިސޯޓުތަކުގައި ދިވެހިވަންތަ ސަގާފަތެއް ދައްކުވައިދިނުމުގެ ނަތީޖާ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިސޯޓުތައް ހެދުމަށް އިންވެސްޓަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ރިސޯޓުތައް ހެދުމަށް ގެންނަ ތަކެތިން ނަގާ ޓެކްސް ލުއިކޮށްދީ އިންވެސްޓަރުންނަށް ފަސޭހަ ގިނަ ކަންތައްތަކެއް ކޮށްދެއްވި ކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އެކަމަކު މިސަރުކާރުން އިންވެސްޓަރުން ހޯދައި އެމީހުންނަށް ރަނގަޅު ގޮތްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާ މަންޒަރު ފެނިގެން ނުދާ ކަމުގައިވެސް ވިދާޅުވި އެވެ.

މިވެރިކަމުގައި 33 ރިޒޯޓް ހުޅުވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެފައިވާތީ އާދަމް ޝަރީފް ވަނީ އެކަމަށް ރައްދުވެސް ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ސޯލިހް އެ ވިދާޅުވާ ގިނަ ރިސޯޓުތަކަކީި ރައީސް ޔާމީންގެ ދައުރުގައި މަސައްކަތް ފައްޓާފައި ހުރި ރިސޯޓުތަކެއް ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ވަރަށް ގިނަ ބޭފުޅުންގެ ތާއީދު ރައީސް ޔާމީނަށް އޮންނަނީ ވެސް ފަތުރުވެރިކަމުގެ ކުރިއެރުމާއި ތަރައްގީއަށް ރައީސް ޔާމީން ކޮށްދެއްވި މުހިއްމު މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.