ރިސޯޓް މުވައްޒަފުނަށް ހާއްސަ އިނާޔަތްތަކަކާ އެކު ރިޓަޔަމެންޓް އެލަވެންސެއް ދިނުމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ލ. ގަމުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކާ އެކު ރިޓަޔަމެންޓް އެލަވެންސެއް ދޭނެ އުސޫލެއް ގާއިމުކުރާނީ ސިނާއަތުގެ އިސްވެރިންނާއި ސްޓޭކްހޯލްޑަރުންނާ ގުޅިގެން އެކުލަވާލާ ހާއްސަ ގާނޫނެއްގެ ތެރެއިން ކަމަށެވެ.
މުއިއްޒު ވަނީ މިކަމަށް ގާއިމުކުރާ ސްކީމްގެ ސަބަބުން ރިޓަޔަމަންޓް ޕެކޭޖެއް މުވައްޒަފުންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވައި، އިންޑަސްޓްރީ ހިންގާ ފަރާތްތަކަށާއި މުވައްޒަފުންނަށް ވެސް އެކަމުން ފައިދާ ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މުއިއްޒު ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް އެންމެ ފައިދާ ހުރި މެނިފެސްޓީ އެކުލަވާފައި ވަނީ ޕީޕީއެމް-ޕީއެންސީ އިން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަ ހައުސިން ޔުނިޓްތަކެއް އަޅައިދޭނީވެސް ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރިސޯޓް މުވައްޒަފުންނަށް އާއިލާ ކައިރިއަށް ގިނަގިނައިން ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި، އޮފް ދުވަސްތައް އެއްކޮށްލައިގެން ޗުއްޓީ ނަގަން ފުރުސަތު ދެވޭ ގޮތަށް އުސޫލުތައް ހަމަޖައްސައިދޭނެ ކަމަށެވެ. އޭރުން ތިން މަހުގެ އޮފް ދުވަސްތައް އެއްކޮށްލުމުން އަށް ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށާއި، އަހަރީ ޗުއްޓީ އަދި ސްކޫލް ބަންދުގެ ޗުއްޓީ ލިބޭނެ ގޮތްވެސް ހަމަޖައްސާނެ ކަމަށެވެ.
"މިކަންކަން ފަހިކުރުމަށްޓަކައި ބައެއް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނާނަން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ފޮޓޯގްރާފަރުން ފަދަ ހުނަރުވެރި މަސައްކަތްތައް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ އުސޫލިތަކެއް ހަމަޖައްސަވާނެ ކަމަށެވެ.
ރިސޯޓް މުޒައްފުންނަށް ހާއްސަކޮށްގެން ރާއްޖޭގެ ތިން ސަރަަހައްދެއްގައި ބަސް ކިޔަވަައިދޭ ސްކޫލުތަކެއް ގާއިމުކޮށްދީ، ޒަމާނީ ހޮޓެލް ސްކޫލެއް ގާއިމުކޮށްދިނުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.