ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު އެދިވަޑައިގަތީ ރީތިކޮށް ކަންކަން ގެންދިއުމަށް ފުރުސަތު ދިނުމަށް

ކަންކަން ރީތިކޮށް ގެންދިއުމަށް ފުރުސަތު ދިނުމަށް ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މުއިއްޒު މިކަމަށް އެދިވަޑައިގަތީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ސޯޝަލް ސެންޓަރުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ނިމުމަކަށް ގެނެސް އެމަނިކުފާނު މިނިވަން ކުރުމުގެ ކަންކަން ރީތިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ މެންބަރުން އެމަނިކުފާނަށް ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މަގުމައްޗަށް ނިކުމެ އަޑުގަދަކޮށް އެއްވުންތައް ބާއްވާ އެކިކަހަލަ ހަރަކާތްތައް ބޭއްވުމަކީ އެންމެ ރަގަޅު ގޮތް ނޫން ކަމަށެވެ. އެގޮތައް ކަންކަން ނުކުރުމަށާއި ގައުމުގެ މަސްލަހަތު ގާއިމުކުރަން ހުރިހާ ރައްޔިތުން ވެސް އެކުވެރިކަމާއި އެއްބާރުލުމާއެކީ މަސައްކަތް ކޮށްފިނަމަ ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވެވި އެވެ.

"ނޮވެންބަރު 17 ވަނަ ދުވަހާ ހަމައަށްދާއިރު އަބްދުﷲ ޔާމީން މިހާރު އޮތް ޕްރޮސެސް އިން މިނިވަން ނުވާނަމަ މިނިވަން ނުވާނީ ސަރުކާރުގެ ނުފޫޒު ފޯރުވާތީ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނުފޫޒު ފޯރުވާތީ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއިން މިނިވަންކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.