ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގައި ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓި އަނިޔާވީ މީހާ މާލެ ގެނެސް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަނިޔާވީ އުމުރުން 41 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ.
އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގަ އެވެ.
އިތުރު ފަރުވާއަށް އެ މީހާ މާލެ ގެނައީވެސް ހާދިސާ ހިނގި ދުވަހު އެެވެ. މާލޭގައި ފަރުވާ ދިނީ އައިޖީއެމްއެޗްގަ އެވެ.
ބިދޭސީ މީހާ އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް މިފްކޯ އިން ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.
ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ބިދޭސީންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާ ހޯދުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިފަދަ ނުރައްކާތެރި ބައެއް ހާދިސާތަކުގައި ބައެއް ބިދޭސީން މަރުވެފައި ވެސް ވެއެވެ.