މަރަދޫ

މަރަދޫ ކައިރިން 105 ކިލޯގެ ފާނައެއް ބާނައިފި

އައްޑޫ ސިޓީ މަރަދޫ ކައިރިން، ބަރުދަނުގައި 105.5 ކިލޯ ހުރި ފާނައެއް ބާނައިފި އެވެ.

ފާނަ ބާނާފައިވަނީ މިއަދު ހަވީރު 4:30 ހާއިރު މަރަދޫ ނެރު ކައިރިންނެވެ.

ފާނަ ބޭނި އަހުމަދު ނަސީމް "އަވަސް" އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ފާނަ ބާނާފައިވަނީ ހަތަރު މީހުންނާއެކު މަހަށް ނިކުމެ އުޅުނު ލޯންޗަކުންނެވެ.

ހަތަރު މީހުންގެ މަސައްކަތުން ފާނަ ބާނާ އުޅަނދަށް އެރުވުނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުގެ މަސައްކަތުންނެވެ. ފާނަ ބާނާފައިވަނީ 150 އެލްބީގެ ކަންވާރަކުންނެވެ. ފާނައިގެ ދިގުމިނުގައި 71 އިންޗި ހުއްޓެވެ.

އައްޑޫން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި މި ފާނައަށް އައްޑޫ ބަހުން ކިޔަނީ ކަޅުބޮނޑެވެ.

މަސް ބަނދަރަށް ގެނައިއިރު މަރުނުވާ ކަމަށާއި ގޫގުލް އިން ކުރި ދިރާސާއިން، މި މަހުގެ އުމުރަކީ 37 އަހަރު ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

މި ފާނަ މިހާރު ވަނީ މަރަދޫގެ ކެފޭއެއް ކަމަށްވާ "ޖަސްޓް ޓީ" ކެފޭއިން 2،625 ރުފިޔާއަށް ގަނެފަ އެވެ.