ރ. މަޑުއްވަރީ ގެއެއްގައި އަލިފާން ރޯވެ ތިން ލައްކައެއްހާ ރުފިޔާގެ ގެއްލުން ލިބިއްޖެ އެވެ. ރޭ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
ރޯވެ އަނދާފައި ވަނީ މަޑުއްވަރީ ވީނަސްގޭގަ އެވެ. އެ ގޭގެ ވެރިޔާ މުހައްމަދު މާހިރު މިއަދު ބުނީ ރޭ ދަންވަރު އޭނާގެ ގޭގައި އަލިފާން ރޯވީ ސަބަބެއް ނޭނގޭ ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ތިން ކޮޓަރި ހުންނަ އެ ގޭގެ އެންމެ ކޮޓަރިއެއް ފިޔަވައި ހުރިހާ ތަނަކާއި ހިފާ ގެންގުޅޭ އެއްޗެހި އަނދާފައިވާ ކަމަށެވެ.
"ރޭ މަސް ކައްކާ ނިންމާލާފައި ފެންވަރާލައި ނަމާދުކޮށްލަން ދިޔައީ. އޭރު އުނދުނުގައި އެންމެ ދަރުގަނޑެއް އިންނާނީވެސް. ގޮސްފައި އަންނަނިކޮށް ކުއްޖަކު އައިސް ބުނީ މަސް ކައްކާ ބަދިގޭގައި އަލިފާން ރޯވެއްޖޭ، އެކަމަކު އެތާ އެއްވެސް މީހަކު ނެތޭ،" މާހިރު ބުންޏެވެ.
މާހިރު ބުނީ ރަށުގެ ރައްޔިތުންގެ އެހީއާއެކު އަލިފާން ގަނޑު ނިއްވާލެވުނީ ދަންވަރު 3:30 ގައި ކަމަށެވެ.
"ރޭގެ ހާދިސާގައި ވަރަށް ބޮޑު ގެއްލުމެއް ލިބުނު. ގޭގައި ހުރި ހުރިހާ ތަނެއް އަނދާފަ ހުރީ. ގާތްގަނޑަކަށް ތިން ލައްކަ އެއްހާ ރުފިޔާގެ ގެއްލުމެއް މީ" މާހިރު ބުންޏެވެ.
މާހިރު ބުނީ މަސް ކައްކަން ހާއްސަކޮށްފައިވާ ބަދިގެ އަދި ގޭގައި ކައްކާ ބަދިގެ އާއި ގުދަން ވެސް އަނދާފައިވާ ކަމަށާއި، ގުދަނުގައި ޓިނާއި ލަކުޑި ފަދަ ސާމާނު ވެސް ހުންނާނެ ކަމަށާއި އެ ހުރިހާ އެއްޗެއް ވެސް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އެބަދިގެ އަކީ އެރަށުގެ އެހެން މީހުންވެސް މަސްކެއްކުމަށް ބޭނުންކުރާ ބަދިގެ އެކެވެ.