ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަމިއްލަ ވިޔަފާރިތަކަށް ނުފޫޒު ނުފޯރުވީމާ ނަތީޖާ ފެނިއްޖެ: ރައީސް

Oct 3, 2022

އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް ސަރުކާރުގެ ނުފޫޒެެއް ނެތި ތަރައްގީކުރަން ފުރުސަތު ދިނުމުން ނިކުންނަ ހެޔޮ ނަތީޖާ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ގާލާ ނައިޓްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ނުފޫޒެއް ނެތި އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތައް ތަރައްގީކުރަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. މުޅި ދުނިޔޭގައިވެސް އެންމެ ނަން ހިނގާ ދާއިރާއަކަށް ރާއްޖޭގެ ފަތުރުވެރިކަން ވެގެން ދިޔައީ އަމިއްލަ ފަރާތްތަކުން އެ ވިޔަފާރި ކުރަން ބޭނުންވާ ގޮތަށް މިނިވަންކޮށް އެކަން ކުރަން ފުރުސަތު ދިނުމުން ކަމަށްވެސް ވިދާޅުވި އެވެ.

"ސަރުކާރުގެ ދައުރަކަށް ވާންޖެހޭނީ ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަންކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ ތަރައްގީއާ ގުޅިފައި ހުންނަ ދާއިރާތައް ތަރައްގީކުރާއިރު ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ރަނގަޅު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މިއަދުގެ ޒުވާނުންނަށް ލިބިފައިވާ އިލްމުގެ ބޭނުން ހިފައިގެން އަދި އީޖާދީ ވިސްނުން އުފަންކުރުވައިގެން ރާއްޖޭގައި އާ ސިނާއަތެއް ނުވަތަ އާ އުފެއްދުމެއް އުފަންކުރަން ޒުވާނުންނަށް ގޮވާލައްވާފަ އެވެ. އެމަސައްކަތް ޒުވާނުން ކުރާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ކަމަށްވާ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ޔުނިވާސަލް ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ޗަމްޕާ ގުރޫޕްގެ އެއް ހިއްސާދާރު ހުސައިން އަފީފުގެ ފަރާތްޕުޅުން ހިތްވަރާއި ކެރުންތެރިކަމާއި ވަރުގަދަ އަޒުމުގެ މިސާލު ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެެ.

"ޒުވާން ޖީލަށް އަޅުގަނޑު މިއަދު ބުނެލަން ބޭނުމީ ރާއްޖެއަށް އާ ކޮންމެވެސް ސިނާއަތެއް އާ އުފެއްދުމެއް ނުވަތަ އައު އީޖާދެއް އުފަންކުރުމަށް މަސައްކަތް ކޮށްދެއްވާށޭ. މުޅި ގައުމަށް ބޭނުން ހިފޭފަދަ މުޅިން އާ ކަމެއް ވިސްނާށޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ ވެސް ރާއްޖެއަށް އާ ކަމެއް ތައާރަފްކޮށް ތަރައްގީކުރެވިދާނެ ކަމުގެ ފިލާވަޅު ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ފަތުރުވެރިކަން ތައާރަފްކޮށް މުޅި ދުނިޔޭގައި އެންމެ ފާހަގަކުރެވޭ މަންޒިލަކަށް ރާއްޖެ ބަދަލުކޮށްލުމުގައި މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.