މުހައްމަދު އަޒުހާން

އަޒުހާންގެ ފޯނު ހޯދައިފި

Oct 3, 2022
1

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން ގެންގުޅުނު ފޯނު ހޯދައިފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ އަޒުހާން ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނު ހިސާބުން ފެށިގެން ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް އަޒުހާންގެ މައްސަލައިގެ ތަހުގީގު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އަޒުހާންގެ ފޯނު މިހާރު ހޯދާފައިވާ ކަމަށާއި އެކަމަކު އޭނާ މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މައްސަލައިގެ ތަހުގީގަށް މިހާތަނަށް އަދި ލިބިފައި ނުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"މުހައްމަދު އަޒުހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔައިރު ތަހުގީގުގައި ކުރެވެމުން ދިޔަ މަސައްކަތްތައް ކޮންމެ ދުވަހަކުމެ ގެންދިޔައީ އާއިލާއާ ހިއްސާކުރަމުންނެެވެ،" ބަޔާނުގައިވެ އެވެ.

އަޒުހާން ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތްތައް ހިއްސާކޮށް ބަޔާނުގައި ބުނެފައިވަނީ އަޒުހާން ގެއްލިގެން އާއިލާ އިން މައްސަލަ ހުށަހެޅުމާ އެކު މާލެެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށާއި އިންޓެލިޖެންސަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.

"މީގެއިތުރުން އިންޓެލިޖެންސް މެދުވެރިކޮށް ބެލިބެލުމުން މުހައްމަދު އަޒުހާން ގެންގުޅޭ ފޯން ނަންބަރު އެންމެ ފަހުން ފޯނުގެ ސިގްލަން ލިބިފައިވަނީ ހުޅުމާލެ، ފޭސް ދޭއްގައި ހުންނަ ސެލް ޓަވަރަކަށް ކަން އެނގިފައިވެ އެވެ. އަދި 2022 ސެޕްޓެމްބަރު 20 ވަނަ ދުވަހުވެސް މުހައްމަދު އަޒުހާންގެ ހަބަރެއް ވެފައި ނުވާތީ އާއިލާގެ އިޒުނައާ އެކު މުހައްމަދު އަޒުހާން ހޯދުމަށް އެ ދުވަހުގެ ރޭގެ ވަގުތެއްގައި އިއުލާންކޮށްފައިވެ އެވެ," ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އަޒުހާން އެންމެ ފަހުން ބައްދަލުވި ކަމަށް ފާހަގަކުރެވުނު މީހުންނާ ސުވާލުކޮށް އެމީހުން ފޯރުކޮށްދިން މައުލޫމާތު، ފުލުހުންގެ ސީސީޓީވީ ފުޓޭޖުތަކާއި އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖުތަކުގެ އެހީގައި އާއި އަދިވެސް އެހެނިހެން ގޮތްގޮތުން ކަށަވަރުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އަޒުހާން މާލެއަށް ގޮސްފައިވޭތޯ ބެލުމުގެ ގޮތުން މާލޭގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުގެ އިތުރުން ފުރައިގެން އެއްވެސް ތަނަކަށް ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"[ފުލުހުން] ބެލިބެލުމުން 2022 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޓެކްސީއެއްގައި، ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ގެސްޓްހައުސް އަކަށް ގޮސްފައިވާ ކަން ތަހުގީގަށް އެނގިފައިވެ އެވެ. އަދި މުހައްމަދު އަޒުހާން ދިޔަ ގެސްޓްހައުސް އާއި އެ ސަރަހައްދުގައި ލިބެންހުރި ސީސީޓީވީ ފުޓޭޖުތައް ނަގައި އެނަލައިޒް ކުރުމުގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވަށްޓެރި ފުލުހުންގެ އެހީތެރިކަމާ އެކު ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ." ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ ނިރޮޅުމަގުގައި ހުންނަ ސްކޭޓް ޕާކް ސަރަހައްދާއި ވޯޓާ ތީމް ޕާކް ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސްކުރީ ވެސް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ފުލުހުން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖުތަކެއްގެ އެހީގައި ލިބުނު މައުލޫމާތު ތަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކް ދިމާ އަތިރިމައްޗަށް އަޒުހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން އައިސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅު މަގަށް ނިކުންނަކަން އެނގިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މިމައުލޫމާތާ އެކު މުހައްމަދު އަޒުހާން ދެން ފެންނާނެ ކަމަށް ބެލެވުނު ތަނާ އެންމެ ކައިރިން ލިބެންހުރި ސީސީޓީވީ ފުޓޭޖު ނަގައި ބެލިއިރު އެ ފުޓޭޖުތަކުން މުހައްމަދު އަޒުހާން ފެނިފައި ނުވާތީ އަނެއްކާވެސް ސްކޭޓް ޕާކް ހިމެނޭ ސަރަހައްދު ބަލައި ފާސްކުރުމަށް ތަހުގީގު ޓީމުން ނިންމި އެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން އިއްޔެ އެ ސަރަހައްދު ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގައި ވޯޓާ ތީމު ޕާކް ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ ނިރޮޅުމަގުގެ ހުޅަނގުގެ ފަރާތް ބަލައި ފާސްކުރިއިރު އެ ސަރަހައްދުގެ ވެޔޮތަކުގެ ތެރެއިން އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު "ޑިކޮމްޕޯސް" ވެފައި ވަނިކޮށް ފެނުނު ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަޒްހާންގެ ހަބަރެއް އާއިލާއަށް ނުވި ނަމަވެސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށެވެ.