މުހައްމަދު އަޒުހާން

އަޒްހާންގެ ހަށިގަނޑު ވަޅުލައިފި

ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު ވަޅުލައިފި އެވެ.

ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ) ގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. ޖަނާޒާގައި އަޒުހާންގެ އާއިލާގެ މެންބަރުންނާއެކު ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

އަޒްހާންގެ ހަށިގަނޑު ފެނުނީ މިމަހުގެ ދެވަނަ ދުވަހު ހަވީރު 5:45 ހާއިރު ހުޅުމާލެ ނިރޮޅުމަގު ވޯޓާ ތީމް ޕާކް ހަދަމުންދާ ސަރަހައްދުން ނެވެ.

ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި އެއީ އަޒްހާނުގެ ހަށިގަނޑުކަން ޔަގީންކުރުމަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ކަމަށް ފުލުހުން މިމަހުގެ ދެވަނަ ދުވަހު ވަނީ ބުނެފަ އެވެ.

އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަޒްހާންގެ ހަބަރެއް އާއިލާއަށް ނުވި ނަމަވެސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެ އެވެ. މި ދަނޑު އޮންނަނީ ހުޅުމާލެ އިން މާލެއަށް އައުމަށް ދަތުރުކުރާ ހުޅުމާލޭގެ ބޮޑު މަގަށްވާ ގޮތަށެވެ.

ފުލުހުންގެ ތަހުގީގަށް މިހާރު ވަނީ އަޒްހާންގެ ފޯން ހޯދާފަ އެވެ. އަޒްހާން ގެއްލުނު މައްސަލައިގައި އަދި އެއްވެސް މީހަކަށް ތުހުމަތުކޮށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.