މުހައްމަދު އަޒުހާން

އަޒްހާން ކަމަށް ބެލެވޭ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް

Oct 8, 2022

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ)ގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި އެވެ.

ފުލުހުން މިރޭ ބުނީ އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު އިންޑިއާ އަށް ގެންދިޔައީ މިއަދު ކަމަށެވެ.

ފުލުހުންގެ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނީ މިމަހުގެ ދެވަނަ ދުވަހު ހަވީރު 5:45 ހާއިރު ފެނިފައިވަނީ ހުޅުމާލެ ނިރޮޅުމަގު، ވޯޓާ ތީމް ޕާކް ހަދަމުންދާ ސަރަހައްދުންނެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަޒްހާންގެ ހަބަރެއް އާއިލާއަށް ނުވި ނަމަވެސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެ އެވެ. މި ދަނޑު އޮންނަނީ ހުޅުމާލެ އިން މާލެއަށް އައުމަށް ދަތުރުކުރާ ހުޅުމާލޭގެ ބޮޑު މަގަށްވާ ގޮތަށެވެ.

ފުލުހުންގެ ތަހުގީގަށް މިހާރު ވަނީ އަޒްހާންގެ ފޯން ހޯދާފަ އެވެ. އަޒްހާން ގެއްލުނު މައްސަލައިގައި އަދި އެއްވެސް މީހަކަށް ތުހުމަތުކޮށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.