ބޮލީވުޑް

އަނާޔާގެ ދެ ކިޑްނީ ފެއިލްވެ އެހީއަށް އެދި އާދޭސްކުރަނީ

އިންޑިއާގެ އެކި ޗެނަލްތަކުން ދައްކާފައިވާ މަޝްހޫރު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ނާމްކަރަން"، "އިޝްގް މޭ މަރްޖާވާން" އަދި "މޭރޭ ސާއީ" ފަދަ ސީރީޒްތަކުގައި މުހިއްމު ރޯލުތައް ކުޅެފައިވާ ބަތަލާ އަނާޔާ ސޯނީގެ ދެ ކިޑްނީ ފެއިލްވުމުގެ ސަބަބުން ވަރަށް ހާލުބޮޑުވެ މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.

އަނާޔާގެ އިންސްޓަގްރާމް އެކައުންޓުން ހޮނިހިރު ދުވަހުގެ ރޭ ޝެއާ ކުރި މެސެޖެއްގައި އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްފައިވެ އެވެ.

އަނާޔާ ބުނެފައިވާ ގޮތުގައި އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. ދެ ކިޑްނީ ފެއިލްވެ ޑައިލެސިސް ހަދަން ޖެހޭ ކަމަށާއި އަދި ވަކި ވަރަކަށް ޑައިލެސިސް ހަދާފައި ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ބޭނުންވާ ކަމަށް ވެސް އޭނާ ލިޔެފައި ވެއެވެ.

"ޑޮކްޓަރުން އަހަރެން ކައިރީ ބުނެފައިވަނީ ދެ ކިޑްނީ ފެއިލްވެ ޑައިލެސިސް ހަދަމުން ގެންދަން ޖެހޭނެ ކަމަށް. އަހަރެންގެ ކްރައިޓީނިން ލެވެލް ހުރީ 15.76 ގަ. އަދި އެޗްބީ ހުރީ 6.7 ގަ. މިއީ ވަރަށް ސީރިއަސް ހާލަތެއް. އަހަރެން ހޮސްޕިޓަލުގައި ހޯމަ ދުވަހު އެޑްމިޓްވެ ފަރުވާ ފަށާނަން. އެންމެން އަހަންނަށް ހެޔޮ ދުއާ ކޮށްދޭތި،" އަނާޔާގެ މެސެޖުގައި ލިޔެފައި ވެއެވެ.

އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި ބޭސް ފަރުވާ އަށް އަނާޔާއަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވެ އެވެ. އަދި ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ އެކުވެރިންގެ ފަރާތުން ފައިސާގެ އެހީއަށް އަނާޔާ ވަނީ އެދިފަ އެވެ.

އަނާޔާ އަކީ 2015 އިން ފެށިގެން އެއް ކިޑްނީ މައްސަލަ ޖެހިގެން ފަރުވާ ކުރަމުން އަންނަ މީހެކެވެ. އެ ފަހަރު ވެސް ދެ ކިޑްނީ ފެއިލްވުމުން އޭނާއަށް ކިޑްނީ ހަދިޔާކުރީ އޭނާގެ ބައްޕަ އެވެ. ނަމަވެސް މިހާރު ބައްޕަ ހަދިޔާކުރި ކިޑްނީ ވެސް ފެއިލްވެ އަނާޔާގެ ބަލި ހާލަތު އަނެއްކާވެސް މާގޯސްވީ އެވެ.