ޑެންގީ

ޑެންގީ ޖެހިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މަރުވެއްޖެ

ޑެންގީ ޖެހިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މަރުވެއްޖެ އެވެ.

އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމު (19 އ) އެވެ.

އަވަސްއަށް މައުލޫމާތު ދެމުން އާއިލާގެ މީހަކު ބުނީ ވިޔާމަށް ޑެންގީ ޖެހިގެން އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ މީގެ ހަފްތާއެއް ކުރިން ކަމަށެވެ.

މާލޭގައި ދިރިއުޅެމުން ދިޔަ ވިޔާމަކީ ކިޔަވާ ނިމިގެން މަތީ ތައުލީމަށް ކިޔެވުމަށް ތައްޔާރުވަމުން ދިޔަ ޒުވާނެކެވެ.

ވިޔާމުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާގަ އެވެ.

ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ އުމުރުން އަށް އަހަރުގެ ކުޑަކުއްޖަކު ވެސް އިއްޔެ ވަނީ މަރުވެފަ އެވެ. މިއީ ޑެންގީ ޖެހިގެން މިއަހަރު ނިޔާވި ދެވަނަ ކުއްޖާ އެވެ. ވިޔާމާ އެކު މިއަދަދު ވަނީ ތިނަކަށް އިތުރުވެފަ އެވެ.

ފާއިތުވި ތިން އަހަރަށްވުރެ މިއަހަރު ޑެންގީގައި ކުޑަކުދިންގެ ހާލު ސީރިއަސްވާކަން ފާހަގަކުރެވިފައިވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު އަހްމަދު ފައިސަލް ކުރިން ވިދާޅުވެފައިވެ އެވެ.