ވަޒީފާއާބެހޭ ޓްރައިބިއުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނުފޫޒެއް ނުފޯރުވަން: ސަމީރު

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ސަމީރު މިހެން ވިދާޅުވެފައި މިވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި ސަރުކާރާ ދެކޮޅަށް މައްސަލަތައް ނިންމާތީ ޓްރައިބިއުނަލްގެ މެންބަރުން ރައީސް އޮފީހަށް ހާޒިރުކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ނޫހަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މިއަދު އަވަސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސަމީރު ވިދާޅުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް ފަދަ އިދާރާތަކާއި މުއައްސަސާތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލައި، ދޭންޖެހޭ އިރުޝާދުތައް ދިނުމަށް މަޝްވަރާ ކުރުމަކީ، ރައީސުލްޖުމްހުރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މިފަދަ މަޝްވަރާ ބައްދަލުވުމެއްގައި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަނެ، އެ މުއައްސަސާ ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާއި، އަވަސްކުރަން ޖެހޭ މައްސަލަތައް އަވަސް ކުރެވޭނެ ގޮތްތައް ބަލައި، ފުނިޖެހިފައި ހުރި މަސައްކަތްތައް އަވަހަށް ނިންމުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރެވޭ ކަމަށް ސަމީރު ފާހަގަކުރެއްވި އެވެ.

"ސަރުކާރުން އަބަދުވެސް ގެންދާނީ އިދާރާތަކުގެ މަސައްކަތް ރަނގަޅުކުރަން މަސައްކަތް ކުރަމުން. މި މަސައްކަތަކީ އެއްވެސް ފަރާތަކަށް ހުއްޓުވޭނެ ކަމެއް ނޫން،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކިކަމަކާ ގުޅޭގޮތުން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ އެއްވެސް މެމްބަރެއް ރައީސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ނުވާނެ އެވެ. އަދި އެ މުއައްސަސާއިން ނިންމާ ނިންމުންތަކާއި ގުޅޭގޮތުން މަޝްވަރާގެ އެއްވެސް ބައްދަލުވުމެއްގައި އެއްވެސް މައުލޫމާތެއް އަހާފައި ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުން މިކަހަލަ މަޝްވަރާގެ ބައްދަލުވުންތައް ކުރިއަށް މިގެންދަނީ. ގިނަ ބައްދަލުވުންތަކުގައި އިސްކޮށް ބައިވެރިވަނީ އަޅުގަނޑު، އެހެންވީމަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ އެއްވެސް މެމްބަރަކަށް އެއްވެސް ޒާތެއްގެ ނުފޫޒެއް ފޯރުވާފައި ނޯންނެ ކަމުގެ ޔަގީންކަން ދެން،" ސަމީރު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވެސް މިއަދު ވިދާޅުވީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުން ރައީސް އޮފީހަށް ހާޒިރުކޮށް ނުފޫޒު ފޯރުވަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ.

"ޓްރައިބިއުނަލްގެ މެމްބަރުން ހާޒިރުކޮށްފައެއް ނުވޭ. ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް ހުށަހެޅުމާ ގުޅިގެން ރިޕޯޓްގައިވާ ކަންކަމާމެދު މައުލޫމާތު ބަދަލުކޮށް، ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމެއް ބޭއްވުނު،" މިއުވާން ވިދާޅުވި އެވެ.

ވަޒީފާ ތަކާ ގުޅޭގޮތުން ޖެހޭ މައްސަލަތަކުގައި ގޮން ނިންމުމުގެ ބާރު ލިބިފައިވާ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ހަތް މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނެވެ.