ރަޝިއާ، ޔުކްރޭން ހަނގުރާމައަށް އޮތް ހައްލަކީ ރަޝިއާއަށް ކްރައިމިއާ ދާއިމަށް ދޫކޮށްލުން ކަމަށް ގަބޫލުކުރަނީ ކިތައް މީހުންތޯ ސުވާލުކުރައްވައި ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ޓްވިޓަރު ބޭނުންކުރާ މީހުންނަށް ވޯޓަކަށް ގޮވާލައްވައިފި އެވެ.
ޓްވީޓާގައި އާންމު ވޯޓެއް ނެގުމުގެ ބޭނުމަކީ މަސްކް ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާ، ޔުކްރޭން ހަނގުރާމައަށް އޮތް އަވަސް ހައްލަކީ އާންމުންގެ ނަޒަރުގައި ކޮބައިތޯ ބެއްލެވުމެވެ.
އީލޮން މަސްކްގެ މި ހުށަހެޅުމާ ޔުކްރޭނުން ވަރަށް ދެކޮޅެވެ. އަދި ޔުކްރޭނުން ވަނީ މިކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ކަރުން ނާރުނަންގަވައި ވިދާޅުވި ގޮތުގައި ޔުކްރޭނުން ވެލިފުކެއްހާ މިންވަރު ވެސް ރަޝީއާ ގެންދިޔަ ނުދެއްވާނެ އެވެ.
މަސްކު ހުށަހެޅުއްވި ގޮތުގައި ރަޝިއާ ސިފައިން 2014 ގައި ކްރައިމިއާ ހިފައިގެން ތިބި ހިސާބު ދޫކޮށްލުމަށްފަހު ޔުކްރޭން ވަކި އަތަކަށް ނުޖެހި އޮތުމަށް ވުރެ ސުލްހަވެރި ގޮތެއް، ރަޝިއާ، ޔުކްރޭން ހަނގުރާމާއަކަށް ނެތެވެ.
ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރަގަތީއްސުރެ އީލޮން މަސްކު ގެންދަވަނީ ހަނގުރާމަ ހުއްޓުވާނެ ފޯމިއުލާތައް ވިދާޅުވަމުންނެވެ.
މަސްކް ދެން ހުށަހެޅުއްވި ޚިޔާލަކީ ރަޝިއާއިން މިދާކަށް ދުވަހު، އެ ގައުމާ ގުޅުވާލި ޔުކްރޭންގެ ހަތަރު ސަރަހައްދުގައި އދ. މެދުވެރިކޮށް އާންމުންގެ ޚިޔާލު ހޯދުމެވެ. އެ ގޮތުން ރަޝިއާ ސިފައިން އެ ސަރަހައްދުތަކުން ފައިބަން އާންމުން އެދޭކަން ސާބިތުވެއްޖެ ނަމަ ޗުއްޕު ވެސް ނުބުނެ އެ ސަރަހައްދު ތަކުގައި ތިބި ސިފައިން ފައިބައިގެން ދިއުމެވެ.
މަސްކްގެ ބައެއް ޚިޔާލަށް ބައެއް ފަހަރު ވަރަށް ބޮޑަށް ތަރުހީބު ލިބެ އެވެ. ބައެއް ޚިޔާލުތަކާ ގުޅިގެން މަސްކު ފަހައި މުޅި ޓްވިޓާގައި ހޯބޯލަވަމުން މީހުން ދުވާ ފަހަރު ވެސް އާދެ އެވެ.
އީލޮން މަސްކްގެ މި ޚިޔާލަށް ރަޝިއާ އޮތީ ވަރަށް އުފަލުންނެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއިން ބުނި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓުވަން މަސްކް ހުށަހެޅުއްވީ ވަރަށް މޮޅު ޚިޔާލެއް ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި މިކަހަލަ ދަތި އުނދަގޫތަކުން މިންޖުވުމަށް އީލޮން މަސްކް ކަހަލަ ބޭފުޅަކު ދެމެހެއްޓެނިވި ގޮތްތަކެއް ހުށަހެޅުއްވުމަކީ ބިނާކުރަނިވި ކަމެކެވެ.
މަސްކް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ބާރުލިބޭ ގޮތަށް ޕެސްކޯފް ވިދާޅުވީ ރަޝިއާ ބޭނުންވާ ކަންތައްތަކެއް ވެސް ހުރި ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ރަޝިއާ ހުށަހަޅާފައި ހުރި ޝަރުތުތަކަށް ޔުކްރޭން ގޮތެއް ނުނިންމާހާ ހިނދު ރަޝިއާގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ރަޝިއާ ހުސްއަތާ ޔުކްރޭނުން ނުފައިބާނެ ކަމަށްވެސް ޕެސްކޯފް ވިދާޅުވި އެވެ.