މާލޭ ސިޓީ ކައުންސިލް

ވިލިމާލޭގައި ބެޓްރީ ޓެކްސީގެ ހިދުމަތްދޭނެ ފަރާތެއް ހޯދަނީ

ވިލިމާލޭގައި ޓެކްސީގެ ހިދުމަތް ދޭނެ އިތުރު ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިމާވެއްޓާއި ރައްޓެހި ވެހިކަލްތަކަށް ފުރުސަތު ދިނުމާއި ވިލިމާލޭގައި ޓެކްސީގެ ހިދުމަތްދޭ ފަރާތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ ވިލިމާލޭގައި ބެޓެރީ ޗާޖުކޮށްގެން ދުއްވާ ކަހަލަ ޓެކްސީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ހ. ހުޅުގަލީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އޮފީހުގަ އެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ބެޓެރީ ޗާޖުކޮށްގެން ދުއްވާ ކަހަލަ ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާތީ މާލެ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭ އަދި މާލޭގައި ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިން ސްޓޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމަށްވެސް އިއުލާންކޮށްފަ އެވެ. މިއީ ރައްޔިތުން ތިމާވެއްޓާއި ރައްޓެހި އުޅަނދުފަހަރު ބޭނުން ކުރުމަށް ޝައުގުވެރިކަން އުފައްދާ، މި އުޅަނދުތައް ފަސޭހައިން ޗާޖު ކުރެވޭނެ ގޮތްތަކެއް ހޯދައިދުނުމަށް ބަހައްޓާ ޗާޖިންގް ސްޓޭޝަންތަކެއް ކަމަށްވެސް ސިޓީ ކައުންސިލް އިން ބުނެ އެވެ.