ވިލާ މާޓް

ވިލާމާޓްގެ މާލޭގެ ފިހާރަތައް 24 ގަޑިއިރަށް ބަދަލުކޮށްފި

ވިލާ ގުރޫޕުން މާލޭގައި ހިންގަމުން ގެންދާ "ވިލާ މާޓް" ތަކުން 24 ގަޑިއިރު ހިދުމަތް ދިނުމަށް ނިންމައިފި އެވެ.

މާލޭގައި ވިލާ މާޓްގެ ތިން ފިހާރަ ހުރެ އެވެ. އެއީ މަޖީދީ މަގާއި މާވެޔޮ މަގު ގުޅޭ ހިސާބުގައި ހުންނަ ފިހާރައާއި ބުރުޒުމަގަށްވާ ގޮތަށް ހުންނަ މަޓީގެ އިމާރާތުގައި ހުންނަ ފިހާރައާއި ފަރީދީ މަގުގައި ހުންނަ ފިހާރަ އެވެ.

ވިލާ މާޓްތައް ހިންގާ ވިލާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ އޮފިޝަލަކު ވިދާޅުވީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަކީ ވިލާގެ ކާމިޔާބީގެ އަސްލު ކަމަށެވެ. ވިލާ މާޓްތައް 24 ގަޑިއިރު ހުޅުވައިގެން ހިދުމަތް ދޭން ނިންމީ ވެސް ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.

"މި ގެނައި ފަސޭހަ ބަދަލާއި އެކު ވިލާމާޓް އިން 24 ގަޑިއިރު މިހާރު ވިޔަފާރި ކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ވިލާ ޓްރޭޑިންގެ ވެބަސައިޓް މެދުވެރިކޮށް ވެސް ވިޔަފާރި ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ. ވިލާމާޓް ތަކުގައި ވިއްކާ ތަފާތު އުފެއްދުންތަކުގެ މައުލޫމާތު ވެސް ވެބްސައިޓުން ބަލައިލެވެ އެެވެ.

ވިލާމާޓްގެ އެޕްލިކޭޝަން ޕްލޭ ސްޓޯރު އަދި އެޕަލް ސްޓޯރުން ޑައުންލޯޑްކޮށްގެން ބޭނުންކުރެވޭނެ ގޮތް ވެސް ހަމަޖައްސައިދީފައިވެ އެވެ. އެޕްލިކޭޝަން ބޭނުންކޮށްގެން އޮންލައިންކޮށް ކޮންމެ ވަގުތަކުވެސް ވިޔަފާރިކުރެވޭނެ އެވެ.

ވިލާ މާޓްތަކުގައި ކޮސްމެޓިކްސް އާއި ގޭތެރޭގައި ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ މުދަލާއި ފެންވަރު ރަނގަޅު ކާނާއާއި ތަފާތު ބުއިންތަކުގެ އިތުރުން އާންމު ގިނަ ބާވަތްތަކެއްގެ މުދާ ވެސް ލިބެން ހުރެ އެވެ.