ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބަހްރައިން އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް ސޯލިހްގެ ދެކަނބަލުންގެ މިދަތުރުފުޅަކީ ބަހުރައިންގެ ރަސްގެފާން ހަމަދު ބިން އިސާ އަލް ޚަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ސޯލިހް، ބަހްރައިންގެ ރަސްގެފާނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން، ބަހްރައިން ސަރުކާރުގެ އެހެން ބައެއް އިއްޒަތްތެރިންނާވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. މިބައްދަލުކުރެއްވުންތަކުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމާއި ދެ ގައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރާނެ ކަމުގައިވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ސޯލިހް ބަހުރައިން އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށް ގެންދަވާނީ މިއަދުން ފެށިގެން މިމަހުގެ އަށަކަށް ކަމަށެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ބަހްރައިން އަކީ ރާއްޖޭގެ ތަރައްގީގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އަދި ރާއްޖެއާ ވަރަށް ގާތްގުޅުންތަކެއް އަބަދުވެސް ބާއްވާ ގައުމެކެވެ.