މޯލްޑިވްސް ކަސްޓަމްސް ސާވިސް

10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ދުބާއީއިން ރާއްޖެއައި އުމުރުން 48 އަހަރުގެ ފިރިހެނެއްގެ އަތުން 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިމަހުގެ އެއްވަނަ ދުވަހު ދުބާއީއިން ރާއްޖެއައި އެ މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ލަގެޖުގައި ފޮރުވައިގެން އެތެރެކުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުއްޓާ ފެނިފައިވާ ކަމަށެވެ.

އެތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިންއަށް ޕޮސިޓިވް ވެފައިާ ކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 12 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ މި މައްސަލައިގަައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކުރެވިފައި ކަމަށާއި، މިތަކެތީގެ ބަރުދަނުގައި ޖުމްލަ 10 ކިލޯ ހުރި ކަމަށެވެ.