ފައިސަލް ނަސީމް

ދައުލަތުގެ އެންމެ މުހިއްމު މުދަލަކީ ވީއައިއޭ: ނައިބް ރައީސް

Oct 6, 2022

ދިވެހި ދައުލަތުގެ އެންމެ އަގު ބޮޑު އަދި އެންމެ މުހިއްމު ހަރުމުދަލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އާއި "ނޫވިލު ސީޕްލޭން ޓާމިނަލް"ގެ ނަމުގައި ހަދާފައިވާ އާ ޓާމިނަލް މިއަދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގަ އެވެ.

ފައިސަލް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އަމިއްލަ އެއާޕޯޓެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ދޮރޯއްޓަކީ ވީއައިއޭ ކަމަށްވާތީ ވީއައިއޭ އަކީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައިވެސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ އެއާޕޯޓުގެ މާސްޓާ ޕްލޭނާ އެއްގޮތަށް ކަމުގައިވެސް ނައިބް ރައީސް ވިދާޅުވި އެވެ. އެގޮތުން ރަންވޭ އެޅުމުގެ މަސައްކަތާއި، ފިއުލްފާމް ގާއިމްކުރުމާއި، ސީޕްލޭން ޓާމިނަލްގެ އިތުރުން ޕެސެންޖާ ޓާމިނަލްތައް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ދަނީ މާސްޓާ ޕްލޭނާ އެއްގޮތަށް ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރެވުނު މި މަސައްކަތަކީ ހިނގަހިނގާ އޮތް އެއާޕޯޓެއްގެ ތެރޭގައި އައު އެއާޕޯޓެއް އެޅުން ފަދަ މަސައްކަތެއް. އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތައް ހިނގަމުން ދިޔައިރު އެއާޕޯޓުގެ ހިދުމަތްތައް މެދު ނުކެނޑި ކުރިއަށްވެސް ގެންދެވުނު،" ފައިސަލް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ ފްލައިޓްތައް ވީއައިއޭގައި ޖެއްސުމާއި އެކު ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ ފަތުރުވެރިން އެމީހުންގެ މަންޒިލަށް ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 600 ސީޕްލޭން މޫވްމަންޓް ހިނގާކަން ފައިސަލް ފާހަގަކުރެއްވި އެވެ. އަދި އަލަށް މިއަދު ހުޅުވުނު އައު ސީޕްލޭން ޓާމިނަލާއި އެކު ފަތުރުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދަތުރުތައް އަވަސްވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެއާޕޯޓަށް ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީން ކުރުން ވަރަށް މުހިއްމު ކަމަށެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރުގެ ކަންކަން ތަރައްގީ ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

އައު ރަންވޭ މިއަދު ރަސްމީކޮށް ހުޅުވުމުން އެންމެ ފުރަތަމަ ޖައްސާފައިވަނީ އެމިރޭޓްސް އެއާލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖައްސާފައި ވަނީ ހެނދުނު، 7:20 ގައެވެ. ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ވޯޓާ ސެލިއުޓެއް އަރުވާފަ އެވެ. އައު ރަންވޭ ބޭނުން ކުރަން ފެށުމާއި އެކު ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އެއްގެ ގޮތުގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ރަންވޭއަކީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މިއަދު ހުޅުވި ސީޕްލޭންޓާމިނަލަކީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލެވެ. މި ތަނުން އެއްވަގުތެއްގައި 1000 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.