ނައިބް ރައީސް ފައިސަލް ނަސީމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރައްވައި އެތަނުގައި ހިދުމަތްދޭ އެކި މުވައްސަސާތަކުގެ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ހަވީރު ނައިބް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގައި ހިދުމަތްދޭ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ. މުވައްޒަފުންގެ މަސައްކަތްތަކާއި ސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯއްދެވި އެވެ.
މި ޒިޔާރަތުގައި ނައިބް ރައީސް ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، އެމްއޭސީއެލްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ އެ މުއައްސަސާތައް ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފަ އެވެ. އަދި މިހާރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވާ މިބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ އިސް ބޭފުޅުން ވަނީ އެބޭފުޅުން ދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދީ އެކަންކަން އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އެމަޖެންސީ ހާލަތްތަކުގައި އެ ހާލަތަށް އިސްކަންދެއްވައިގެން ކުރަން ހުންނަ ކަންކަން އެންމެ ފުރިހަމައަށް ކުރެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ހުރިހާ މުއައްސަސާތަކުންވެސް ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
ނައިބް ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ޑޮމެސްޓިކް ޓާމިނަލްއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފަ އެވެ. އަދި އެވަގުތު ވީއައިއޭ އަދި ޑޮމެސްޓިކް ޓާމިނަލްގައި ތިބި ބައެއް ފަސިންޖަރުންނާ ވެސް ބައްދަލުކުރައްވާ ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ. މީގެ އިތުރުން އެއާޕޯޓުގައި އަލަށް ތަރައްގީ ކުރަމުންދާ ވީއައިޕީ އަދި ސީއައިޕީ ޓާމިނަލް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފަ އެވެ.