ކްރިމިނަލް ކޯޓް

މޭރީ މަރާލީ މާވިން އާއި ލަމްހާކަން ސާބިތުކޮށްދޭނަން: ޕީޖީ

Oct 6, 2022
2

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލީ، އެކަމުގައި ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާކަން ސާބިތުކޮށްދޭނެ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާގަސްގެ އިތުރުން ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ މައްޗަށެވެ.

މާވިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، ފިލިޕީންސަށް ނިސްބަތްވާ އެ ދެމަފިރިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމާ ގުޅިގެންނެވެ.

މޭރީގެ މަރާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ހުރިހާ ހަސްމެއްގެ ފަރާތުން އިފްތިތާހީ ބަޔާން އިއްވާފަ އެވެ. މިއަދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މޭރީ ގްރޭސް މަރާލުމުގެ ފުރުސަތު ހަމައެކަނި އޮތީ މާވިން އާއި ހަލީމަތު ލަމްހާއަށް ކަން ސާބިތުކޮށްދޭނެ ކަމަށެވެ. އަދި މޭރީ މަރާލުމުގެ ނިޔަތް މާވިން އާއި ހަލީމަތުގެ އޮތް ކަން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.

ހާދިސާ ހިނގި ދުވަހުގެ ހެނދުނު 10 ޖެހިއުރ މާވިންގެ ފޯނުން "ގޫގަލް" ކޮށް އިންސާނަކު ހޭނައްތާނެ ފަސޭހަ ގޮތެއް ހޯދާފައިވާ ކަމަށާއި އޭގެ މިނެޓެއް ފަހުން ލަމްހާގެ ގެއަށް މާވިން އާއި މޭރީގެ ހަތަރު އަހަރުގެ ކުޑަ އަންހެން ދަރިފުޅު ގެންގޮސްފައިވެ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ބްރޭކް ގަޑީގައި މޭރީ ގެއަށް ދިޔަ ކަމަށާއި އޭގެފަހުން މޭރީ ދަންޖެހިފައިވާކަން ދެއްކުމަށްޓަކައި ކޮޓަރީގެ ތެރޭގައި "ސީންއެއް" އުފައްދާފައިވާ ކަމަށެވެ.

ދައުވާ ލިބޭ ފަރާތުގެ ދިފާއީ ވަކީލުން ވިދާޅުވީ ދައުލަތުގެ ވާހަކަތަކުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށާއި މޭރީގެ މަރާއި ދައުވާ ލިބޭ މީހުންނާ ގުޅުންނެތްކަން ސާބިތުކޮށްދޭނެ ކަމަށެވެ.

އުމުރުން 30 އަހަރުގެ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން 10 އަހަރަށް ޖަލަށްލާނެ އެވެ. ނަމަވެސް ހުކުމް ކުރުމުގައި ގާޒީ ނިންމަވާ ގޮތްތަކެއްގެ ސަބަބުން ކުށުގެ އަދަބު ބޮޑުވުމަކީ އޮތް ފުރުސަތެކެވެ.

އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

ދައުވާތަކުގައިވާ ގޮތުން ލަމްހާ ވަނީ މޭރީ މަރާލުމުގެ ރޭވުމުގައި ބައިވެރިވެ، މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީ އެހީތެރިވެ ދީފަ އެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން ހަ އަހަރަށް ޖަލަށްލާނެ އެވެ. މޭރީގެ މަރާ ގުޅިގެން މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅުނު ގެ ބަލައި ފާސްކުރިއިރު ލަމްހާގެ ކޮޓަރިން ފެނުނު ސިޓީ އުރައެއްގައި އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން ދެ މަހާއި 12 ދުވަހަށް ޖަލަށްލާނެ އެވެ. ލަމްހާގެ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން އެ ކުށުގައިވެސް ދެ މަހާއި ބަރަ ދުވަހަށް ޖަލަށްލާނެ އެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ލަމްހާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.