ދުނިޔެ

ގައުމު ދިފާއުކުރުމުގައި އެހެން ބަޔަކަށް އިތުބާރު ނުކުރާނެ: ޓައިވާންް

އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން ގައުމަށް ލިބިފައިވާ ކަމަށް ވިދާޅުވެ ޓައިވާންގެ ރައީސް ޓައި އިން ވެންގް ވިދާޅުވި ގޮތުގައި، ގައުމު ދިފާކުރުމުގައި އެހެން ބަޔަކަށް އިތުބާރެއް ނުކުރައްވާނެ އެވެ.

ޓައިވާންގެ ރައީސް މި މޭރުމުން ވާހަކަދެއްކެވި ސަބަބެއް ކަމަށް ބެލެވެނީ ޓައިވާންގެ ދިފާއުގައި އެމެރިކާ ނުކުންނާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވުމާ ގުޅިގެންނެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ޓައިވާންގެ މައްޗަށް ނުފޫޒުފޯރުމުގެ ހައިސިއްޔަތު ޗައިނާއަށް ލިބިގެނެއް ނުވެ އެވެ. އަދި ޓައިވާންގެ މިނިވަންކަން ގެއްލޭ ގޮތަށް އަމަލުކޮށް ޓައިވާންގެ މައްޗަށް ޗައިނާ ބާރުގަދަ ކުރާ ނަމަ އަސްކަރިއްޔާ ނެރެން ވެސް އެމެރިކާ އޮތީ ތައްޔާރަށެވެ.

ޓައިވާނަށް އަސްކަރީ ގޮތުން އެމެރިކާ އެހީތެރިވުމަކީ ކޮށްދޭ ވަރަށް ހެޔޮ ކަމެއް ކަމުގައި ޓައި އިން ވެންގް ވިދާޅުވި އެވެ. އަސްކަރީ ގޮތުން ގާބިލު ގައުމަކަށް ހެދުމަށް އެމެރިކާއިން ލިބޭ ފަންނީ އަދި އަސްކަރީ އެހީތަކަށް އޭނާ އެމެރިކާއަށް ޝުކުރު އަދާކުރެއްވި އެވެ.

ޓައިވާންގެ ރައީސް ވިދާޅުވީ ޓައިވާންގެ ދިފާއުގައި އެހެން ބަޔަކު ޓައިވާންގެ ފަސްގަނޑަށް އެރުމަކީ ރަނގަޅު ހިޔާލެއް ނޫން ކަމަށެވެ. އެކަމުގައި އޮތް ނުރައްކާ ތަޖުރިބާކުރަން ޖެހޭނީ ޓައިވާންގެ ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވި އެވެ.

ޓައި އިން ވެން މިހެން ވިދާޅުވި ސަބަބެއް ކަމަށް ބެލެވެނީ އެމެރިކާ ސިފައިންނަށް ހައްދެއް ނެތް ގޮތަށް ޓައިވާން ހުޅުވާލާފައިނަމަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޓައިވާން ހަދާފާނެ ކަމަށް އޮތް ބިރާ ގުޅިގެންނެވެ.

ޓައިވާންގައި އަސްކަރީ ބޭސްތައް ހަދައި އެމެރިކާ އާއި ޗައިނާއާ އަރާރުންވާ މައިދާނަށް ޓައިވާން ބަދަލުވެގެން ހިނގައިދާނެ ކަމަށް އޮތް ބިރާވެސް ގުޅިގެންނެވެ.

ޓައިވާންގެ ރައީސް ވިދާޅުވި ގޮތުގައި ގައުމު ދިފާއުކުރުމުގެ ކުޅަދާނަކަން ޓައިވާނަށް ވަނީ ލިބިފަ އެވެ. އެހެން ބަޔަކަށް އިތުރުބާރު ނުކުރާ ސަބަބަކީ ޓައިވާންގައި އެ ގާބިލުކަން ލިބިފައި އޮތުން ކަމަށް ވެސް ވިދާޅުވި އެވެ.