ރައްޔިތުންގެ މަޖިލިސް

އައިއެމްއެފް އިން މަޖިލީހާ ބައްދަލުކޮށްފި، ބައްދަލުވުން ސިއްރު

Jan 14, 2016

ރާއްޖޭގެ އިގްތިސާދުގެ ރިވިއުއެއް ހެދުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ ވަފުދާ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ އިން ބައްދަލުކޮށް މައުލޫމާތު ސާފު ކުރައްވައިފި އެވެ. އެހެން ނަމަވެސް އެ ބައްދަލުވުން ބޭއްވީ މީޑިއާއަށް ބަންދުކޮށްގެންނެވެ.

މިއަދު ހެނދުނު 9:15 އެހާކަން ހާއިރު، މަޖިލީހުގައި އިދާރާގައި ގަނޑިއެއްހާ އިރަށް ކުރިއަށް ދިޔަ އެ ބައްދަލުވުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ހުސެން މަނިކު، "އަވަސް" އަށް މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި އައިއެމްއެފްއިން މައުލޫމާތު ސާފު ކުރީ އިގްތިސާދީ ގޮތުން ރާއްޖެ މިހާރު އޮތް ދިމާލާއި މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް އަމްނާނެ ބަދަލުތަކުގެ މައްޗަށް ކަމަށެވެ. އަދި މެންބަރުން ވަނީ އެބޭފުޅުންގެ، ހިޔާލުތައް އައިއެމްއެފްއާ އެކު ހިއްސާ ކުރައްވާފައި ކަމަށް ވެސް، ނިހާން ވިދާޅުވި އެވެ.

"އެބޭފުޅުން އިގްތިސާދީ އިންޑެކްސްތަކުގެ މައުލޫމާތު ސާފު ކުރެއްވީ. މިއީ އެބޭފުޅުން ހަމަ ރޫޓިންކޮށް ކުރައްވަމުން އަންނަ ކަމެއް. އެގޮތުގެ މަތިން މިފަހަރު ވެސް އަޅުގަނޑުމެންނާ މި ބައްދަލުކޮށްލެއްވީ،" ނިހާން ވިދާޅުވި އެވެ.

މީގެ ކުރިން ބާއްވާ އެފަދަ ބައްދަލުވުންތައް އޮންނަނީ އާންމުކޮށް މީޑިއާއަށް ހުޅުވާލައިގެންނެވެ. އެހެން ނަމަވެސް މިފަހަރު އެ ބައްދަލުވުންތައް ސިއްރު ކުރި ގޮތެއް ނޭނގެ އެވެ. ކޮންމެ އަހަރަކު ވެސް ދެ ފަހަރު އައިއެމްއެފްގެ މިޝަންއެއް ރާއްޖެ އައިސް އިގްތިސާދު ރިވިއު ކުރުމުގެ މަސައްކަތް ކޮށް ރިޕޯޓް ނެރެ އެވެ.

އައިއެމްއެފްއިން ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ވެސް ބައްދަލުކޮށްފަ އެވެ.