ޒިޔާދާ ނައީމް

ޝާހުގެ ބަންދު އިތުރުކޮށް ތަހުގީގު އަވަސް ކުރަނީ

އަނބިމީހާއަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ، އިބްރާހިމް ޝާހު، 40، ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. މިއީ ޝާހުގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސްވަނަ ފަހަރެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޝާހުގެ ބަންދަށް އިތުރު ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވަނީ އިއްޔެ ކަމަށެވެ. ޝާހުގެ އަނބިމީހާ ޒިޔާދާ ނަޢީމް 37، އައިޖީއެމްއެޗްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. އެ މަރުގެ ހަގީގަތް ހޯދަން ޒިޔާދާ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓް މޯޓަމް ހަދާފައިވެއެވެ.

ފުލުހުން ބުނީ ޝާހުގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމަން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ތަހުގީގު ނިމޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

ފިރިމީހާގެ ޖިންސީ އަނިޔާތަކުގެ ސަބަބުން މަރުވި ޒިޔާދާއަށް ހައްގު ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ލޯން އެންޑް ޖެންޑާ މިނިސްޓްރީން ބަޔާނެއް ނެރެފައިވެއެވެ. އަދި ޝާހުގެ އާއިލާއިން ވަނީ ޝާހު ދިފާއުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޒިޔާދާ މަރުވެފައިވަނީ ޝާހުގެ ފަރާތުން ލިބުނު އަނިޔާތަކަކުން ނޫން ކަމަށް ބުނެފައިވެއެވެ.