އެޗްޑީސީ

ހުޅުމާލޭގައި ބޮޑު ހަތަރު މަޝްރޫއެއް ހިންގަން ބަޔަކާ ހަވާލުކޮށްފި

Oct 6, 2022
1

ހުޅުމާލެގައި ހަަތަރު މަޝްރޫއުއެއްގެ މަސައްކަތް ކުރުމަށް ހަތަރު ކުންފުންޏަކާ އެކު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

އެޗްޑީސީއާ އެކު ސޮއި ކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިން ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާއި، ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ) އެވެ.

މިކުންފުނިތަކާ އެކު އެޗްޑީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

ވާކާސް ބިލްޑިންގް

އެޗްޑީސީން ތަރައްގީކުރާ ވާކާސް ބިލްޑިން އަކީ ރާއްޖޭގެ އެކި ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ގެނެވޭ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި ތަނަވަސް އެކޮމޮޑޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ފެށިގެންދާ މަޝްރޫއު އެކެވެ.

އެޗްޑީސީގެ ވާކާސް ބިލްޑިން ފަރުމާކޮށްފައިވަނީ 7،000 ލޭބަރުންނާއި 2،000 ހޮސްޕިޓަލިޓީ ސްޓާފުންނަށް ތިބެވޭ ގޮތަށް 18 ބްލޮކް ހިމަނައިގެންނެވެ. މީގެ ކޮންމެ ބްލޮކެއްގައި ހަތަރެއް އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރިތަކާއި، ފާހަނާބަރިއަކާއި، ނަމާދުގެއަކާއި އަދި ފިހާރަ ހިމެނެ އެވެ.

މި ބިލްޑިންގްގައި ކިޗަން އަދި މެސް ހޯލު އެކަމަށް ހާއްސަކުރެވިފައިވާ ފުލޯތަކުގައި ހުރެ އެވެ. އަދި ބަދިގެ، ބޭކަރީ ފުޑް ސްޓޯރޭޖާއި މޭސްރޫމްތައްވެސް މި ބްލޮކްގައި ހިމެނެ އެވެ. މި ބިލްޑިންގްގެ އޮފީސްތައް ފަސް ފުލޯއެއްގައި ވަކިވަކިން ހުންނާނެ އެވެ. އަދި މިތަނުގައި ސެކިއުރިޓީ ރޫމާއި ކޮންފެރެންސް ހޯލް އަދި މެޑިކަލް ރޫމް ހިމެނެ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިން ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑެވެ. މި މަޝްރޫއުގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 14 މަސްދުވަސްތެރޭ ނިންމާލުމަށް ހަމަޖެހިފައިވެ އެވެ.

މިއެއްބަސްވުމުގައި ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޗިން ޝެންގްވޫ އެވެ.

އޮޓޯ ސެންޓަރު

މާލޭގައި މިހާރު ހިންގާ ގަރާޖުތަކަކީ ކުޑަ ތަންތަނުގައި، އާއްމު ރައްޔިތުންގެ ގެތަކުގައި ހިންގޭ ގަރާޖުތަކެވެ. މި ތަންތަނުގައި ވެލްޑިން ކުރުމާއި ޓިންކަރިން ފަދަ މަސައްކަތްތައް ކުރިއަށް ދާތީ، މިފަދަ ކަންތައްތަކަކީ އާއްމުން ދިރިއުޅޭ ތަންތަނުގައި ކުރުން ރައްކާތެރި މަސައްކަތްތަކެއް ނޫނެވެ. އެހެންވެ އެޗްޑީސީއިން އިސްނަގައިގެން އޮޓޯ ސެންޓަރެއް ތަރައްގީކުރަން އެކުންފުނިން ނިންމީ އެވެ.

ހުޅުމާލޭގައި އަޅާ އޮޓޯ ސެންޓަރަކީ ބޭސްމަންޓާއި އެކު ފަސް ބުރި ހިމެނޭ 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ.

މި އިމާރާތުގައި ހަތް ސާވިސް ލިފްޓް ހުރުމާއި ގަރާޖުތަކަށް މި އިމާރާތުން ތަނަވަސް ޖާގަ ލިބިގެންދާނެ އެވެ. އެޗްޑީސީގެ ސަސްޓެއިނެބަލް ސިޓީ މޮޑެލްގެ ދަށުން މި އިމާރާތުން ވާރޭފެން ހާވެސްޓް ކުރެވޭނެ އެވެ. އަދި އިރުގެ ހަކަތަ ސޯލާ ޕަވާ މި އިމާރާތުގައި ބޭނުންކުރުމުގެ އިތުރުން ކަރަންޓް ކާރުތަކަށް ހާއްސަ ޗާޖިންގް ސްޓޭޝަން ހުންނާނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ދުވާލުގެ އަލިކަން ލިބޭނޭހެން ބިލްޑިންގް ފަރުމާކުރެވިފައި ހުރުމުން ހަކަތަ ބޭނުންވާވަރު މި އިމާރާތުގައި ދަށްވާނެ އެވެ. މި އިމާރާތުގައި ވޭސްޓް ވޯޓާ ޓްރީޓްކުރެވި ރިސައިކަލް ކުރެވި ވޭސްޓް ތަރުތީބު އުސޫލުން ސޯޓްކުރެވި ރައްކާތެރިކަމާއި އެކު ނައްތާލެވޭނެ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނެވެ. މިމަޝްރޫއުގެ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ދެ އަހަރު ތެރޭގައި ނިންމަންޖެހެ އެވެ.

މިއެއްބަސްވުމުގައި ޗައިނާ ސްޓޭޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޖަންގް ޓާއޯ އެވެ.

ޕާކިން ބިލްޑިން

މާލެ ސަރަހައްދުގައި ވެހިކަލް ޕާކްކުރާނެ ޖާގަ އަދި ހަރުދަނާ އުސޫލުތައް ނެތުމަކީ ރައްޔިތުންގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާ އެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދަމާސްގެ އިސްނެގުމުގެ މަތިން ޕާކިން އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީން ނިންމީ އެވެ. 24،700 އަކަފޫޓުގެ ޖާގައިގެ ޕާކިން އިމާރާތުގައި ހަ ފުލޯ، ބޭސްމެންޓް ޕާކިންއާއި އެކު ހާއްސަ ކުރެވިފައިވަނީ ވެހިކަލް ޕާކް ކުރުމަށެވެ.

މިއިމާރާތުގެ ޓެރެސްގައި އަވިން ހަކަތަ ޖެނެރޭޓްކުރުމަށް ސޯލާ ޕެނެލް ހަރުކުރެވިފައި ހުރުމުގެ އިތުރުން ފުޑްކޯޓެއްވެސް މި ސަރަހައްދުގައި ހެދުމަށް ނިންމާފައިވެ އެވެ. އަދި ދެ ފުލޯއެއް ކޮމާޝަލް ބޭނުންތަކަށް ހާއްސަ ކުރާއިރު މިތަނުގައި ފިހާރަތަކާއި ފާހަނާތައް ހުންނާނެ އެވެ.

މި އިމާރާތުގައި ވެލޭ ޕާކިންގްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ހާއްސަ ޕާކިން ހިދުމަތް މި އިމާރާތުގައި ހިމެނެ އެވެ. ދަމާސްގެ މި މަޝްރޫއުގެ ސަބަބުން ރައްޔިތުން އެދޭ އަދި ސަރުކާރުން މާލެ ސަރަހައްދުގައި ހައްލުކުރުމަށް ބޭނުންވާ ޕާކިންގެ މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ދެކެ އެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން ދީފައިވަނީ ދެ އަހަރެވެ.

ދަމާސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސާލިހެވެ.

ޑޭކެއާ ސެންޓަރު

ހުޅުމާލެގައި މީހުން ވަޒަންވެރިވެގެންދާއިރު ވަޒީފާ އަދާކުރަމުން އަންނަ ދެމަފިރިންގެ އާއިލާތައް ވަރަށް ގިނަ އެވެ. މިގޮތަށް ވަޒީފާ އަދާކުރާ ފަރާތްތަކުގެ ދަރިންނަށް ރައްކާތެރި މާހައުލެއް ބިނާކުރުމުގެ މަގުސަދުގައި އޭބީއޭ އާއި ގުޅިގެން ޑޭކެއާ ސެންޓަރެއް ގާއިމުކުރުމަށް ވަނީ ރޭވިފަ އެވެ.

އޭބީއޭއަކީ ރާއްޖޭގައި އިންޝުއަރެންސް ބްރޯކިން ހިދުމަތް ދިނުމުގައި 10 އަހަރުގެ ތަޖުރިބާ ހޯދައިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ އާ ރިއަލް އެސްޓޭޓް ވެންޗާ ހުޅުމާލެ ޑޭކެއާ ސެންޓަރަކީ މިވަގުތު ހުޅުމާލެއަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

މި ސެންޓަރަކީ 3،000 އަކަފޫޓުގެ ޖާގައިގެ ހަ ބުރީގެ އިމާރާތެކެވެ. މި ސެންޓަރުން ޒަމާނީ ޑޭކެއާގެ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ހާއްސަ ކްލިނިކްތައްވެސް މި ސެންޓަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 21-24 މަސްދުވަސްތެރޭ ނިންމާލަން ޖެހެ އެވެ.

އޭބީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގާސިމެވެ.

ހުޅުމާލޭގެ މާސްޓާޕްލޭންގެ ދަށުން، ރާއްޖޭގެ ރައްޔިތުންނަށާއި މުޖުތަމައަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިއަދު ސޮއި ކުރި މަޝްރޫއުތަކަކީވެސް ރައްޔިތުންނަށް މުޖުތަމައުގައި ކުރިމަތިލާންޖެހޭ ގިނަ މައްސަލަތަކަށް ހެޔޮ ބަދަލުތައް ގެނެސްދޭނެ މަޝްރޫއުތަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.