ބޮލީވުޑް

ރިތިކްގެ "ވިކްރަމް-ވެދާ" މޮޅަސް ނުހިނގާ

ރިތިކް ރޯޝަން އާއި ސައިފް އަލީ ޚާންގެ "ވިކްރަމް ވެދާ" އަކީ މޮޅު ފިލްމެއް ކަމަށް ކްރިޓިކްސް ބުނެފައި ވެއެވެ.

ފިލްމު ބެލި ގިނަ މީހުން ވެސް ބުނަނީ ފިލްމު ވަރަށް ރީތި ކަމަށެވެ. ނަމަވެސް ފިލްމު ރިލީޒްކުރިތާ ހަފުތާއެއް ވީއިރު ބޮކްސް އޮފީހުގައި ފިލްމަށް މާރަނގަޅު ޕާފޯމަންސެއް ދެއްކޭ ގޮތެއް ނުވި އެވެ.

ހަ ދުވަސް ތެރޭ މި ފިލްމަށް ލިބިފައިވަނީ އެންމެ 55 ކްރޯޑެވެ. މިއީ އިންޑިޑިގައި މިހާރު ފާހަގަކުރަމުންދާ ފެސްޓިވަލްގެ ދުވަސް ތަކާ އެކު ވެސް ފިލްމަށް ލިބުނު ވަރެވެ. ޕުޝްކަރް-ގަޔަތުރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ބުދަ ދުވަހު ލިބިފައިވަނީ ހަތް ކްރޯޑެވެ.

ރިތިކް ކަހަލަ މަޝްހޫރު ބަތަލަކު އުޅޭ ފިލްމަކަށް ވާތީ ފިލްމަށް ވަރަށް އެދެވޭ ރަނގަޅު ކާމިޔާބެއް ލިބިދާނެކަމަށް އެންމެން ވެސް ކުރިން ހީކުރި އެވެ. އަދި ފުރަތަމަ ހަފުތާ ނިމޭއިރު ފިލްމު 100 ކްރޯޑު ހޯދާނެކަމަށް ކުރިން ލަފާ ކުރެވުނެވެ. ނަމަވެސް އުންމީދުކުރި ވަރާ ގާތަށް ވެސް މި ފިލްމަކަށް ނުލިބުނެވެ.

ޕެންޑެމިކަށް ފަހު އިންޑިއާގެ ސިނަމާތައް ހުޅުވުމުން ފިލްމު ބަލަން ވަންނަ މީހުން އާދަޔާޚިލާފަށް ވަނީ މަދުވެފަ އެވެ. މަދު ފިލްމެއް ބަލަން ނޫނީ މިހާރު މީހުން ކޮންމެހެން ސިނަމާއަށް ދާކަށް ބޭނުމެއް ނުވެ އެވެ. ހިންދީ ފިލްމު އިންޑަސްޓްރީން އުފައްދާ ބޮޑު ބަޖެޓް ފިލްމުތައް ފްލޮޕްވަނީ މި ސަބަބާ ހުރެ އެވެ.

ވަރަށް ފަހުން ރިލީޒްކުރި ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި އަމީތާބު ބައްޗަންގެ "ބްރަމަސްތުރަ" ބަލަން ގިނަ އަދަދެއްގެ ބަޔަކު ސިނަމާތަކަށް ދިޔަ އެވެ. އެހެންވެ ރިތިކްގެ ފިލްމު ބަލަން ވެސް ދާނެކަމަށް އުންމީދު ކުރެވުނީ އެވެ. ނަމަވެސް މިއަހަރު ނުކުތް ގިނަ ފިލްމުތަކަށް ވީގޮތަށް ރިތިކްގެ ފިލްމު ބަލަން ވެސް ސިނަމާތަކަށް ވަދެފައިވަނީ ވަރަށް މަދު ބައެކެވެ.