ބޮލީވުޑް

ސައިފް އާއި ރިތިކް އެކުގައި ކުޅޭ ފިލްމެއް އިއުލާން ކޮށްފި

ރިތިކް ރޯޝަން އާއި ސައިފް އަލީ ހާން އެކުގައި ކުޅޭ ފިލްމެއް އިއުލާން ކޮށްފި އެވެ. މި ދެ އެކްޓަރުން އެކުގައި ކުޅުމަށް ހަމަޖެހިފައި ވަނީ 2017 ގައި ރިލީޒްކުރި ތަމަޅަ ސުޕަހިޓް ފިލްމު "ވިކްރަމް ވެދާ" ގެ ހިންދީ ރިމޭކް ގައެވެ.

އޮރިޖިނަލް ފިލްމުގައި ރަނގަޅު ޕޮލިސް އޮފިސަރެއް ކަމަށްވާ ވިކްރަމްގެ ރޯލު ކުޅެފައިވަނީ އާރް. މާދަވަން އެވެ. ގޭންގްސްޓާ ވެދާގެ ރޯލު ކުޅެފައިވަނީ ތަމަޅަ އެކްޓަރު ވިޖޭ ސަތުޕަތީ އެވެ.

ހިންދީ ފިލްމުގައި ރިތިކް ގޭންގްސްޓާގެ ރޯލު އަދާކުރިއިރު ރަނގަޅު ޕޮލިސް އޮފިސަރުގެ ރޯލު ކުޅެނީ ސައިފް އެވެ. މި ފިލްމު ޓުވިޓާގައި ރަސްމީކޮށް އިއުލާންކުރީ ޓްރޭޑް އެނަލިސްޓް ރަމޭޝް ބާލާ އެވެ. އިންޑިޔާގެ ނޫސްތަކުން ކުރިން ބުނެފައި ވަނީ ވެދާގެ ރޯލު ކުޅޭނީ އާމިރު ޚާން ކަމަށެވެ. ނަމަވެސް އާމިރު މި ފިލްމު ކުޅެން އެއްބަސްވެފައި އެންމެ ފަހު ވަގުތު ނޫނެކޭ ބުނީމަ ރިތިކް އަށް ފިލްމު ލިބުނީ ކަމަށް ވެއެވެ.

ބޮލީވުޑް ރިމޭކް ޑައިރެކްޓްކުރާނީ ދެ ޑައިރެކްޓަރުން ހިމެނޭ ޓީމަކުންނެވެ. އެއީ ސައުތު އިންޑިޔާގައި މިހާރު އަލަށް ވިދަން ފަށާފައިވާ ދެ ޑައިރެކްޓަރުން ކަމަށްވާ ޕުޝްކަރް-ގަޔަތުރީ އެވެ.

އޮރިޖިނަލް ފިލްމު "ވިކްރަމް ވެދާ" ވެސް ޑައިރެކްޓްކުރީ ހަމަ މި ދެ ޑައިރެކްޓަރުންނެވެ. ނީރަޖް ޕާންޑޭ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.