ދުނިޔެ

ކުދިންތައް މަރާލި މަރުކަޒަށް ތައި ރަސްގެފާން ވަޑައިގަންނަވަނީ

ތައިލޭންޑްގައި ކުޑަކުދިންގެ ނާސަރީއެއް ގޮތަށް ހިންގާ ޑޭކެއާ ސެންޓަރަކަށް މީހަކު ބަޑިން ދިން ހަމަލާތަކުގައި 34 ކުއްޖަކު ވަނީ މަރުވެފަ އެވެ.

މި ހުރިހާ ކުދިންނަކީ ވެސް ޑޭކެއާއެއްގައި އެހީތެރި ކަމަށް ބޭނުންވާ -- ދެ އަހަރާއި ފަސް އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންނެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އާއިލާތަކާ ބައްދަލުކުރެއްވުމަށް ތައިލޭންޑް ރަސްގެފާން މަހާ ވަޖިރަލޮންކޮން ވަނީ ނިންމަވާފަ އެވެ.

ހަބަރުތައް ބުނާ ގޮތުން ބައްދަލުވުން ބާއްވަން ހަމަޖައްސާފައިވަނީ ހުކުރު ދުވަހު "ނޮންގް ބުއާ ލަމް ޕޫ" އަވަށުގަ އެވެ.

ތައިލޭންޑްގައި ބަޑި ގެންގުޅުމަކީ ވަކި ހާއްސަ ހުއްދައެއްގެ ދަށުން އާންމުންނަށް އޮންނަ ކަމެކެވެ. އެހެންނަމަވެސް ބަޑިޖެހުމާއި ބަޑިން ބިރުދެއްކުމަކީ ތައިލޭންޑެ ހަޔާތުގައި ވެސް ހަބަރަށް އަރާވަރުގެ ކަމެއް ނޫނެވެ.

ކުޑަކުދިންގެ ޑޭކެއާއަށް ބަޑިން ހަމަލާދިން ކަމަށް ވަނީ ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު ޕަނިޔާ ޚަމްރަބް ނަމަކަށް ކިޔާ މީހެކެވެ. ފުލުހުންގެ ވަޒީފާއިން އޭނާ ވަކީކުރީ މަސްތުވާތަކެތީ ބޭނުންކުރާތީ ކަމަށް ވެއެވެ.

އޭނާއާ ބެހޭ މައްސަލަތަކެއް މިހާރު ވެސް ތައިލޭންޑް ކޯޓުގައި އޮތް ކަމަށް ވެއެވެ. އެކަމާ ގުޅިގެން މާޔޫސްވެފައި ހުރި މިމީހާ ކުޑަކުދިންގެ ނާސަރީއަށް ހަމަލާދިނުމުގެ އިތުރުން އޭނާގެ އަމިއްލަ އާއިލާއަށް ހަމަލާދީ އަދި ފަހުން ވަނީ އަމިއްލަ އަށް މަރުވެފަ އެވެ.

ރޮއިޓާސް ބުނާ ގޮތުން ބަޑިޖެހުމުގެ ސަބަބުން ޖުމުލަ 37 މީހަކު -- 24 ކުދިންނާއި 13 މީހުން ވަނީ މަރުވެފަ އެވެ.

ނާސަރީގައި ތިބި ގިނަ ކުދިން މަރާފައިވަނީ ވަޅިން ހަމަލާދީގެންނެވެ. އެ ކުދިން ތިބި ކޮޓަރިއަށް އޭނާ ވަދެގަތީ ބާރު ބޭނުންކޮށް ބަޑިން ބިރުދައްކައިގެންނެވެ.

މި ހާދިސާގެ ސަބަބުން ތައިލޭންޑަށް ލިބިފައި އޮތް ހިތާމަ ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމައި ދިދަ ހުރީ ބައިދަނޑީގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޮޑުވަޒީރު ޕްރަޔުތު ޗަން އޮޗާ ވެސް ނާސަރީ ކުދިންގެ އާއިލާތަކާ ބައްދަލު ކުރައްވާނެ އެވެ.