ތައިލޭންޑްގައި ކުޑަކުދިންގެ ޑޭކެއާ ސެންޓަރަކަށް މީހަކު ބަޑިން ދިން ހަމަލާތަކުގައި 22 ކުއްޖަކު ވަނީ މަރުވެފަ އެވެ. މި ހުރިހާ ކުދިންނަކީ ވެސް ދެ އަހަރާއި ފަސް އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންނެވެ.
މި އަނިޔާވެރި އަމަލު ހިންގި މީހަކީ މިހާރު ކަށަވަރުވެފައިވާ ގޮތުގައި ކުރިން ފުލުސް އޮފީހުގައި މަސްކަތްކުރި ޕަނިޔާ ޚަމްރަބް ނަމަކަށް ކިޔާ މީހެކެވެ.
އެ ކުދިން ނިދާފައި ތިބި ކޮޓަރިއަށް ވަދެ ވަޅިން ހަމަލާދީ ފަހަރަކު ކުއްޖަކު މަރަމުން ގޮސް އެނާ ވަނީ އޭނާގެ އަމިއްލަ ގާނޫނު ތަންފީޒުކޮށްފަ އެވެ.
އެހެން ނަމަވެސް، އެ ކޮޓަރި ތެރެއިން ތިން އަހަރުގެ ކުއްޖަކު ހެޔޮ ހާލުތައި އޮއްވައި ވަނީ ފެނިފަ އެވެ. މި ކުއްޖާ ނިދާފައި އޮއްވައި ފެނުނީ، މަރުވެފައި ތިބި ކުދިން ވަކިކޮށް ތަން ހަމައަކަށް އަޅުވަން އުޅުނު މީހަކަށެވެ.
އޮފިޝަލުން ބުނާ ގޮތުން އެ ކުއްޖާ އޮތީ ބޯރަޖާގަނޑެއް ތެރޭގައި ގުޅައަކަށް ވާގޮތަށް ކޮޓަރީގެ ކަނެއްގައި ވަރަށް ގަދައަށް ނިދާފަ އެވެ. ގާތިލަށް އެކުއްޖާ ފާހަގަނުކުރެވުނީ ރަޖާގަނޑު ބޮނޑިވެފައި އޮތުމުން ކަމަށް އޮފިޝަލުން ބުނެ އެވެ.
އެކުއްޖާއަށް އާއިލާ މީހުން ލޯބިން ކިޔަނީ އަމީ އެވެ. އަމީގެ އާއިލާ މީހުން ބުނާ ގޮތުން އާދައިގެ ހާލަތްތަކުގައި އަމީ އަކީ ނިދިމަޑު ކުއްޖެކެވެ. އެހެން ނަމަވެސް، އަމީއަށް ވަރަށް ގަދައަށް ނިދިފައި އޮތުމުން އެ ކޮޓަރި ތެރޭގައި ހިނގި އެއްވެސް ކަމެއް ނުފެންނަ ކަމަށް ވެއެވެ.
އޮފިޝަލުން އަމީ ނަގައިގަނެގެން ގެންދިޔައީ ވެސް މޫނު ނިވައިކޮށްގެންނެވެ. އެއީ ކޮޓަރި ތެރެއިން އެއްވެސް ތަނެއް އޭނާއަށް ފެނިދާނެތީ އެވެ. އެހެންކަމުން ކޮޓަރީ ތެރޭގައި އެއްވެސް ކަމެއް ހިނގިކަން އަމީ ނުދެނެހުއްޓެވެ.
އަމީ ސަލާމަތްވުމަކީ ވަރަށް އާދަޔާ ޚިލާފު ކަމެއް ގޮތުގައި ތައި މީހުން ދެކެ އެވެ. އާއިލާ މީހުން ބުނާ ގޮތުން އަމީ އަކީ ނަސިބު ރަނގަޅު ކުއްޖެކެވެ.
ޕަނިޔާ ޚަމްރަބް ފުލުހުންގެ ވަޒީފާއިން ވަކިކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އޭނާއާ ބެހޭ މައްސަލަތަކެއް މިހާރު ވެސް ތައިލޭންޑް ކޯޓުގައި އޮތް ކަމަށް ވެއެވެ.
އެކަމާ ގުޅިގެން މާޔޫސްވެފައި ހުރި މިމީހާ ކުޑަކުދިންގެ ނާސަރީއަށް ހަމަލާދިނުމުގެ އިތުރުން އޭނާގެ އަމިއްލަ އާއިލާއަށް ހަމަލާދީ އަދި ފަހުން ވަނީ އަމިއްލަ އަށް މަރުވެފަ އެވެ.