ކުޅިވަރު

ޔޫރޮޕާ ލީގު: އާސެނަލް ފޯމުގައި، ޔުނައިޓެޑަށް ހަނި މޮޅެއް

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ނޯވޭގެ ބޯޑޯ/ގްލިމްޓް 0-3 އިން ބަލިކުރިއިރު ރަށުން ބޭރުގައި ސައިޕްރަސްގެ އޮމޯނިއާ ނިކޯސިއާ އަތުން މެންޗެސްޓާ ޔުނައިޓެޑް 3-2 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

އާސެނަލް ވަނީ ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެޓީމު އެއްވަނައިގައި އޮތީ 6 ޕޮއިންޓާ އެކު އެވެ. އެ ގްރޫޕުގެ ދެވަނައިގައި އޮތް ޕީއެސްވީ އާއި ތިންވަނައިގައި އޮތް ބޯޑޯ/ގްލިމްޓް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ޒިއުރިޗަށް ޕޮއިންޓެއް ނުލިބެ އެވެ.

އިނގިރޭސި ރާނީ ކުރީން އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން އާސެނަލް ޔޫރޮޕާ ލީގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފު އާސެނަލުން ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލު އެޑީ އެންކެޓިއޭ ޖެހިއިރު ފަބިއޯ ވިއޭރާގެ އެހީތެރިކަމާ އެކު ދެވަނަ ގޯލު ޖެހީ ރޮބް ހޯލްޑިން އެވެ. އާސެނަލްގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ ވިއޭރާ އެވެ. މިއީ ބެންޗުން ކުޅެން އެރި ގެބްރިއަލް ޖީސުސްގެ އެހީގައި އޭނާ ޖެހި ލަނޑެކެވެ.

ޔުނައިޓެޑުން ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އެޓީމު އޮތީ އެއް ގޯލުން ފަހަތުގަ އެވެ. ޔުނައިޓެޑްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 34 ވަނަ މިނެޓުގައި ނިކޯސިއާ އަށް ލީޑު ނަގައިދިނީ ކަރީމް އަންސަރީފާޑް އެވެ.

ޔުނައިޓެޑުން ވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ތިން ގޯލު ޖަހައިފަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު މާކަސް ރަޝްފާޑް ޖެހިއިރު ދެވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި އެންތަނީ މާޝިއަލް އެވެ. ޔުނައިޓެޑްގެ ފަހު ލަނޑު 84 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާ އެކު ޖެހީ ރަޝްފާޑް އެވެ. 3-1 އިން ޔުނައިޓެޑް ކުރީގައި އޮއްވައި ނިކޯސިއާގެ ނިކޮލަސް ޕަނާޔިއޯޓޯ ވަނީ އިތުރު ގޯލެއް ޖަހައި ޔުނައިޓެޑް ހާސްކޮށްލާފަ އެވެ.

މެޗުގައި ރޮނާލްޑޯ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ކްލަބް ކެރިއަރުގައި 700 ވަނަ ގޯލު ހަމަކުރަން ލިބުނު ފުރުސަތުތައް ނިންމާނުލެވުމުން ރޮނާލްޑޯ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. މި ސީޒަނުގައި ރޮނާލްޑޯ އަށް އަދި ޖެހުނީ އެންމެ ގޯލެވެ. އެއީ ޔޫރޮޕާ ލީގުގައި ޝެރިފް ޓިރާސްޕޯލް ކޮޅަށް ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ޔުނައިޓެޑް ގްރޫޕުގެ އެއްވަނައިގައި އޮތީ ރޭ ޝެރިފް ޓިރާސްޕޯލް ބަލިކުރި ރެއާލް ސޮސިއެޑާޑް އެވެ. އެޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އިޓަލީގެ ރޯމާގެ ދަނޑުގައި ރެއާލް ބެޓިސް ވަނީ 1-2 އިން މޮޅުވެފަ އެވެ. އަދި ފްރާންސްގެ ރެނޭ އިން ރޭ ވަނީ 2-1 އިން ޔޫކްރެއިންގެ ޑީނަމޯ ކިއޭވް ބަލިކޮށްފަ އެވެ.