ޓޫރިސްޓް އެރައިވަލް

ޔޫރަޕު ޓޫރިސްޓުން އިތުރުވެ، ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް

Jan 14, 2016
2
  • ޔޫރަޕު ޓޫރިސްޓުންގެ އަދަދު 53 ޕަސެންޓް އިތުރު
  • އަހަރު ނިމުނުއިރު ޓޫރިޒަމަށް 2.4 ޕަސެންޓުގެ ކުރިއެރުމެއް
  • މިދިޔަ އަހަރު 1.2 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި

މިދިޔަ މަހު ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެ، ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ މިދިޔަ މަހުގެ ޓޫރިސްޓު އެރަވައިވަލް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 119،255 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ އޭގެކުރީ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންނާ އަޅާ ބަލާއިރު 15 ޕަސެންޓު އިތުރުވުމެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް ލިބުނު 15 ޕަސެންޓުގެ ކުރިއެރުމާއެކު މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް މިވަނީ 2.4 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1،234،248 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތްކުރީ 1،204،857 ޓޫރިސްޓުންނެވެ.

މި ހިސާބުތައް ދައްކާ ގޮތުން ގިނަ މަންޒިލްތަކުން މިދިޔަ މަހު ވަނީ ކުރިއެރުން ލިބިފަ އެވެ. އެގޮތުން ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 53.7 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވަނީ 22 ޕަސެންޓެވެ. މީގެ އިތުރުން އޭޝިޔާ ޕެސިފިކް ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ 2.4 ޕަސެންޓް އިތުރުވެފަ އެވެ. އަދި އެމެރިކާ ހިމެނޭ ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު 21.3 ޕަސެންޓް އިތުރުވިއިރު، އެފްރިކާ ސަރަހައްދުން އައި ޓޫރިސްޓުންގެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 39.3 ޕަސެންޓް އިތުރުވެފަ އެވެ.